11 Oct 2017, 09:11
ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލްއާއި ފްރާންސުން ވޯލްޑް ކަޕްގެ އޮޓޮމެޓިކް ޖާގައެއް ހޯދިއިރު، ނެދަލެންޑްސްއަށް ފުރުސަތު ގެއްލިއްޖެއެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕް ބައްރުން ޕޯޗުގަލް ކޮލިފައި ވެފައިވަނީ ރޭ ސްވިޒަލެންޑް އަތުން މޮޅުވެ، ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. އަމިއްލަ ދަނޑުގައި ރޭ ސްވިޒަލެންޑް އަތުން ޕޯޗުގަލް މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ޕޯޗުގަލްއަށް ލީޑު ލިބިގެންދިޔައީ ސްވިޒަލެންޑްގެ ޔޯހާން ޖޯރޫ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މެޗުގެ 57 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ލީޑު ފުޅާކޮށްދިނީ އަންދްރޭ ސިލްވާއެވެ.
ޔޫރަޕް ބައްރުގެ 'ގްރޫޕް ބީ'ގެ އެއްވަނަ ހޯދި ޕޯޗުގަލްއާއި ދެވަނަ ހޯދި ސްވިޒަލެންޑަށް ވެސް ލިބިފައިވަނީ 27 ޕޮއިންޓެވެ. ޕޯޗުގަލް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އެ ގްރޫޕްގެ ދެވަނަ ހޯދި ސްވިޒަލެންޑަށް ވަނީ ޕްލޭ އޯފްގެ ޖާގައެއް ލިބިފައެވެ.

ވޯލްޑް ކަޕުން ޖާގައެއް ކަށަވަރު ކުރުމަށްފަހު ފްރާންސްގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
ފްރާންސް ކޮލިފައިވެފައިވަނީ 23 ޕޮއިންޓާއެކު 'ގްރޫޕް އޭ'ގެ އެއްވަނަ ހޯދައިގެންނެވެ. އެ ގްރޫޕްގެ ދެވަނާގައި އޮތް ސްވިޒަލެންޑާއި ނެދަލެންޑްސްއަށް ވެސް ލިބިފައިވަނީ 19 ޕޮއިންޓެވެ. ގޯލުގެ ތަފާތުން ކުރި ހޯދައިގެން ޕްލޭ އޯފްގެ ޖާގަ ކަށަވަރުކުރީ ސްވިޑަން އިންނެވެ. މިއީ 2002 ވަނަ އަހަރަށްފަހު ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައިނުވި ފުރަތަމަ ފަހަރެވެ.
ކޮލިފައިންގައި ރޭ އަމިއްލަ ދަނޑުގައި ބެލާރުސްއާ ދެކޮޅަށް ކުޅުނު މެޗުން ފްރާންސް މޮޅުވެފައިވަނީ 2-1 ލަނޑުގެ ހަނި ތަފާތަކުންނެވެ. އެ މެޗުގެ 27 ވަނަ މިނެޓުގައި ފްރާންސްއަށް އެންޓޮއިން ގްރީޒްމަން ލީޑު ހޯދައިދިންއިރު، މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ އޮލިވިއާ ޖިރޫއެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ބެލާރުސްގެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮން ސަރޮކާއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ނެދަލެންޑްސްއާއި ސްވިޑަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-0 ލަނޑުން ނެދަލެންޑްސް ކާމިޔާބުކުރި ނަމަވެސް، އެ ޓީމަށް ވަނީ ވޯލްޑް ކަޕްގެ ޖާގައެއް ލިބޭގޮތް ނުވެފައި --- ފޮޓޯ/ އޭޕީ
ކޮލިފައިންގައި ސްވިޑަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ނެދަލެންޑްސް މޮޅުވެފައިވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗަށް ނުކުތްއިރު، ނެދަލެންޑްސްއަށް ޕްލޭ އޯފްގެ ޖާގައެއް ލިބެން އޮތީ ސްވިޑަން އަތުން ހަތް ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ. އެ މެޗުގައި ނެދަލެންޑްސްއިން ކާމިޔާބުކުރި ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވަޑް އާރްޔެން ރޮބެންއެވެ.