މާރުކޭޓް ސަރަހައްދުގައި ރޯދަމަހު ފުލުހުންގެ ޚާއްސަ ޓީމެއް ހަރަކާތްތެރިވެ، އެ ސަރަހައްދު ކޮންޓްރޯލްކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މާދަމާ ރޯދަމަސް ފަށާއިރު ފުލުހުން ތައްޔާރީތަކާ ބެހޭ ގޮތުން ފުލުހުންގެ ޑެޕިއުޓީ ހެޑް އޮފް ޓްރެފިކް ޕޮލިސް، މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ ރޯދަމަހު މާލެ ތެރޭ ހިނގާ އެކްސިޑެންޓް ތައް ވީހާވެސް މަދުކޮށް ޓްރެފިކް މައްސަލަ ތައް މަދު ކުރުމުގެ ގޮތުން މާރުކޭޓް ސަރަހައްދަށް ފުލުހުންގެ ޚާއްސަ ޓީމެއް ކޮންމެ ދުވަހެއްގެ ވެސް ދާނެ ކަމަށެވެ. އެ ޓީމްތައް މެންދުރު 2:00 ން ފެށިގެން އިރުއޮއްސި 6:00 ޖަހަންދެން ހަރަކާތްތެރިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ އަދި އެވަގުތު ތަކުގައި އެ ސަރަހައްދުން ފާހަގަ ކުރާ ވަކި ގޯޅި ތަކަކާއި މަގުތަކުން ހަތަރު ފުރޮޅުލީ އުޅަނދު ދުއްވުން މަނާ ކުރާނާނެ ކަމަށައި އެކަން ކުރާނީ ފިހާރަތަކަށް މުދާ ލޯޑުކޮށް އަންލޯޑު ކުރޭވޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ސަރަހައްދަށް މީހުން ގިނަވެ ޓްރެފިކް ތޮއްޖެހި މަގުތަކަށް ބާރު ބޮޑު ވަންޏާ. އަޅުގަނޑުމެންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް ޓްރެފިކް ކޮންޓްރޯލް ކުރާނަން،" ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލާ މަޝްވަރާ ކުރުމަށް ފަހު ރޯދަމަހު އުޅަނދު ފަހަރަށް މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް މުދާ އުފުލުމާ ބޭލުން މަނާކުރާނެ ކަމަށެވެ.