އެމެރިކާގެ އައްސޭރި ފަށަށް ފޯރާވަރުގެ ދުރުރާސްތާގެ މިސައިލް މަދު އަހަރުތަކެއްގެ ތެރޭގައި އީރާނުން ތަރައްގީ ކުރާނެ ކަމަށާއި ނިއުކްލިޔާ ބޮމެއް އުފެއްދޭ މިންވަރަށް ދެމަސް ދުވަހުގެ ތެރޭގައި އީރާނުން ޔޫރޭނިޔަމް ފައްކާކުރާނެކަން ޖާސޫސީ މައުލޫމާތުތަކުން ހާމަވާ ކަމަށް އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީ.އައި.އޭ.) ގެ ކުރީގެ އެޖެންޓަކު ބުނެފި އެވެ.

ރިޒާ ކަހީލީ ނަމަކަށް ކިޔާ އެ އެޖެންޓް އެމެރިކާގެ ނޫހެއް ކަމަށްވާ ވޮޝިންޓަން ޓައިމްސް ގައި ލިޔެފައިވާ ރިޕޯޓެއް ގައިވާ ގޮތުން އީރާން، އެގައުމުގެ ދިފާއީ ބާރުތައް ތިން ރޮނގަކުން ތަރައްގީ ކުރަމުން ގެންދާއިރު އެމެރިކާ ވަނީ ތިން ހަނގުރާމައެއްގައި ތާށިވެ މާލީ އަދި ދަރަނީގެ މައްސަލަތަކެއްގައި ހައްޔަރު ވެފަ އެވެ.

އީރާނުން މިސައިލް ޓެކްނޮލޮޖީ އާއި ނިއުކްލިޔާ ޓެކްނޮލޮޖީ އާއި ފަޒާގެ ޓެކްނޮލޮޖީ ހަލުއި ކަމާއެކު ތަރައްގީ ކުރަމުން ގެންދާއިރު އީރާނުގެ އަސްކަރީ އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް ހުރަސް އެޅުމުގައި އެމެރިކާ ފޭލްވެފައިވާ ކަމަށާއި އީރާނުން އަމިއްލަ ޓެކްނިލޮޖީގައި ކާމިޔާބު ކަމާއެކު ފަޒާއަށް ސެޓަލައިޓް ފޮނުވާފައިވުމަކީ އީރާނަށް ހުރަސް އެޅުމުގައި އެމެރިކާ ފޭލްވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް އެމެރިކާގެ ކުރީގެ ޖާސޫސީ އެޖެންޓް ރިޒާ ކަހީލީ ވޮޝިންޓަން ޓައިމްސް ގައި ލިޔުއްވާފައިވާ ރިޕޯޓް ބުނެ އެވެ.

ކަހީލީގެ ރިޕޯޓް ބުނާގޮތުން އީރާނާ ދެކޮޅަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ 33 އަހަރުވީ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެމެރިކާ އިސްކޮށް އޮވެގެން އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން ލައްވައި އީރާނާ ދެކޮޅަށް ކުރުވި އަށް އަހަރުގެ ލޭއޮހޮރުވުން ބޮޑު ހަނގުރާމައިންނާ އދ. މެދުވެރިކޮށް ހަތަރު ފަހަރެއްގެ މަތިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާން ބަލިވުމުގެ ބަދަލުގައި އީރާންވަނީ ޓެކްނޮލޮޖީގެ ގޮތުންނާއި ސައެންސްގެ ރޮނގުން އިތުރަށް ވަރުގަދަވެފަ އެވެ.

އަދި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އީރާނުގެ ސައެންސްވެރިން ވަނީ ޔޫރޭނިޔަމް ފައްކާކުރުން އަވަސް ކުރުމަށް ބޭނުން ކުރާނެ ހައިޓެކް ސެންޓްރިފިއުޖް މެޝިންތަކެއް އުފެއްދުމަށްފަހު އެތަކެތި ތަޖްރިބާކޮށް ހިދްމަތަށް ނެރެން ފަށާފަ އެވެ. އެމެޝިންތައް ބޭނުން ކުރުމުން ނިއުކްލިޔާ ބޮމެއް އުފައްދަން ބޭނުންވާ މިންވަރަށް ޔޫރޭނިޔަމް ފައްކާކުރުމަށް އީރާނަށް ބޭނުންވާނީ އެންމެ ދެމަސް ދުވަސް ކަމަށްވެސް އެ ރިޕޯޓް ބުނެ އެވެ.

އީރާނުގެ ކަނޑުގެ ސިފައިން ދާދިފަހުން ވަނީ އެގައުމުން އަމިއްލަ އަށް އުފެއްދި އަސްކަރީ ހަތަރު ސަބްމެރިން ބޭނުން ކޮށްގެން ރަތްކަނޑުގެ އަޑީގައި ދެމަސް ދުވަހުގެ އަސްކަރީ ޖާސޫސީ ތަމްރީން ތަކެއް ފުރިހަމަ ކޮށްފަ އެވެ. އަދި ފުރަތަމަ ފަހަރަށް އީރާނުގެ ކަނޑުގެ މަނަވަރުތައް ގަލްފުގެ ސަރަހައްދުން ބޭރުވެ އިންޑިޔާ ކަނޑުގައި ހަކާތްތެރިވާން ފަށާފައިވާއިރު ސްވޭސް ކެނެލް ހުރަސްކޮށް އީރާނުގެ މަނަވަރުތައް މެޑިޓަރޭނިޔަން ކަނޑަށް ނުކުމެފައިވާ ކަންވެސް ކަހީލީގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަތިންދާބޯޓު އުފުލާ މަނަވަރަކާއި ހަނގުރާމަމަތީ ބޮޑެތި މަނަވަރުތަކެއް ބަނުމުގެ މަސައްކަތް ވެސް އީރާނުން ކުރިޔަށް ގެންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އެރިޕޯޓް ބުނެ އެވެ.

މިދިޔަ މަހު އީރާނުން އިންޑިޔާ ކަނޑުގައި ތަޖްރިބާކުރި ދުރުރާސްތާގެ މިސައިލްތަކުގެ ތެރޭގައި ނިއުކްލިޔާ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިގެންވާ މިސައިލެއް ވެސް ހިމެނޭ ކަމަށް އިނގިރޭސި ހާރިޖީ ވަޒީރު ވިލިޔަމް ހެގް ތުހުމަތު ކުރެއްއްވުމުން އީރާން ވަނީ އެކަން ދޮގުކޮށްފަ އެވެ. ކަހީލީގެ ރިޕޯޓްގައި ވެސް މިދިޔަ މަހު އީރާނުން އިންޑިޔާ ކަނޑުގައި ތަޖްރިބާ ކުރި ދުރުރާސްތާގެ މިސައިލްތަކުގެ ތެރޭގައި ނިއުކްލިޔާ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިގެންވާ މިސައިލެއް ހިމެނޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.

މީގެއިތުރުން އީރާނުގައި ހުރި ދެހާސް ކިލޯމީޓަރުގެ ދުރުރާސްތާގެ މިސައިލްގެ ބަދަލުގައި ތިންހާސް ކިލޯމީޓަރުގެ މިސައިލް އުފެއްދުމަށްޓަކައި އީރާނުން އުތުރުކޮރެޔާގެ ޓެކްނިކަލް އެހީ ހޯދަމުންގެންދާ ކަމަށްވެސް ކަހީލީގެ ރިޕޯޓް ބުނެ އެވެ.
(ވޮޝިންޓަން ޓައިމްސް)