10 Oct 2017, 16:25
ވައި ތަޣައްޔަރުކުރުން ކުޑަކުރަންކަމަށް ބުނެ އިންޑިއާގެ ސުޕްރީމްކޯޓުން އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ފަޓާސް މަނާކޮށްފި އެވެ. އިންޑިއާގައި ފަޓާސް މަނާ ކުރީ އެ ގައުމުގެ ހިންދޫންގެ އީދު ދިވާލީ ފެށެން ވަރަށް ކައިރިވެފައި ވަނިކޮށެވެ.
އިންޑިއާގެ ސުުޕްރީމް ކޯޓުން ބުނީ އެ ފިޔަވަޅުގެ ސަބަބުން ދިއްލީގެ ވައިގެ ކޮލެޓީ ކުރިއަށް ވުރެ ރަނގަޅުވެގެން ދާނެ ކަމަށެވެ. ދިއްލީއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ސިޓީ އެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމާ އެކު ނޮވެމްބަރު މަހުގެ އެކަކާއި ހަމައަށް ދިއްލީގައި ފަޓާސް ވިއްކުން މަނާ ވެގެން ދާނެ އެވެ. މިއަރުގެ ދިވާލީ ފެށެނީ މި މަހު 18ގަ އެވެ.
މިދިޔަ އަހަރު ވެސް ހަމަ އެދުވަސްވަރު ދިއްލީގައި ފަޓާސް ބޭނުންކުރުން މަނާކޮށްފައިވާތީވެ މިފަހަރު ވެސް އެގޮތަށް އަމަލުކުރުމަށް އެދި ޕެޓިޝަންތައް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.
ސުޕްރީމް ކޯޓުން ބުނީ ފަޓާސް ބޭނުންކުރުން ދިވާލީގައި މަނާކުރިއަސް ދިއްލީގައި ފަޓާ މަނާ ނުކުރާނެ ކަމަށާއި އެއީ ހައްދު ފަހަނަ އަޅައިގެން ދިޔުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމުގެ ކުރިން ފަޓާސް ގަނެފައިވާ ފަރާތްތަކަށް އެތަކެތި ގެންގުޅެ ދިވާލީގައި ގޮއްވޭނެ ކަމަށް ވެސް ކޯޓުން ބުންޏެވެ.
އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުން ވެސް ވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުމަށް ތާއިދުކޮށްފަ އެވެ.
މިދިޔަ އަަހަރު ދިވާލީގައި ވައި މާބޮޑަށް ތަޣައްޔަރުވެ ނޭވާލާން އުނަދަގޫވެގެން ދިއްލީގައި ތިން ދުވަސް ވަންދެން ސްކޫލުތައް ބަންދުކުރި އެވެ.