31 Jul 2011, 16:17
އަޕަނޯތު ހެލްތު ކޯޕަރޭޝަންގެ ދަށުން ހިންގާ ހއ. ދިއްދޫ، އަތޮޅު ހޮސްޕިޓަލްގައި ހަލާކުވެފައިވާ ވެކްސިންތަކެއް ކުޑަކުދިންނަށް ދީފައި ނުވާނެ ކަމަށާއި އެކަން އެގޮތަށް ހިނގި ކަމަށް ބުނެ ދިއެފްއެމްއިން އިއްޔެ ފަތުރާފައި ވަނީ ދޮގު ހަބަރެއް ކަމަށް އެކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އަޕަނޯތު ހެލްތު ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ ހަގީގަތް ނުބަލާ ރައްޔިތުންނަށް އެހަބަރު ގެނެސްދީފައިވާތީ އެކަން އެކޯޕަރޭޝަނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެވާހަކަ ގެނެސްދީފައި ވަނީ ހޮސްޕިޓަލްގެ މެނޭޖްމަންޓްގެ ބަހެއް ނުހޯދައި، ރައްޔިތުންނާ ގުޅުން ހުރި ކަމެއްގެ ވާހަކަ ހަގީގަތާ ހިލާފަށް ގެނެސްދީފައިވާތީ ހިތާމަ ކުރާ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.
އަޕަނޯތު ހެލްތު ކޯޕަރޭޝަނުން ބުނީ އެކުންފުނިން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމަކީ ޑަބްލިއުއެޗްއޯގެ ސްޓެންޑަޑަށް ފެތޭ ގޮތަށް މޮނިޓާކޮށް ބެލެހެއްޓޭ ޕްރޮގްރާމަކަށް ވާތީ، އެކޯޕަރޭޝަނުން ދޭ އެއްވެސް ވެކްސިނެއްގައި މައްސަލައެއް ނޫޅޭނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭ ކަމަށެވެ.
ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީ ވިދާޅުވީ އެޗެނެލްގެ އެއްވެސް ހަބަރެއްގައި އިތުބާރު ހުރި މަސްދަރަކުން ލިބިފައިވާ މައުލޫމާތެއް ނޫނީ ހިމަނާފައިނުވާނެ ކަމަށެވެ. " އަޅުގަނޑުމެންގެ ހުރިހާ ހަބަރެއްގައި ވެސް ހިމަނަނީ ވަރަށް އިތުބާރު ހިފޭ މަސްދަރުތަކުން ލިބޭ މައުލޫމާތު، އަޅުގަނޑުމެން ހަބަރުތައް ގެނެސްދެނީ ޒިންމާދާރުކަމާ އެކު،" މަސްއޫދު ވިދާޅުވި އެވެ.
މަސްއޫދު ވިދާޅުވީ ހަބަރުތަކުގައި ބައެއް ފަހަރު ކަމާ ބެހޭ އިދާރާގެ ބަހެއް ނުހިމަނާ ހަބަރު ގެނެސްދޭން މެދުވެރިވަނީ އެފަދަ އިދާރާތަކުން ފޯނަށް ޖަވާބު ނުދޭތީ ކަމަށެވެ.