10 Oct 2017, 10:06
ވޮޝިންޓަން (އޮކްޓޯބަރު 10): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ އަނބިކަނބަލުން އިވާނާ ޓްރަމްޕާއި މިހާރުގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
އޭބީސީ ޗެނަލްގެ ގުޑް މޯނިން އެމެރިކާއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އިވާނާ ވިދާޅުވި ގޮތުގައި ކޮންމެ ދެ ހަފްތާ އަކު އެއް ފަހަރު އޭނާ ރައީސް ޓްރަމްޕާ ވާހަކަ ދައްކަވަ އެވެ.
"ވައިޓް ހައުސްއަށް ގުޅެން އޮތް ނަމަވެސް މެލާނިއާ (ވައިޓްހައުސްގައި) އުޅުއްވާތީ އަޅުގަނޑު ބޭނުމެއް ނުވޭ ޓްރަމްޕަށް ގުޅަން. އެއީ އަޅުގަނޑު ބޭނުމެއް ނޫން ހަސަދަވެރިކަމެއް އުފައްދަން. އަޅުގަނޑަކީ ޓްރަމްޕްގެ ފުރަތަމަ އަނބިކަނބަލުން. އަޅުގަނޑަކީ ފަސްޓް ލޭޑީ،" މާދަމާ ނެރެން ހަމަޖެހިފައިވާ އިވާނާގެ ފޮތް، 'ރެއިޒިން ޓްރަމްޕް' ޕްރޮމޯޓް ކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އިވާނާއަށް ރައްދު ދެއްވަމުން މެލާނިއާ ވަނީ އޭނާ ބޭނުން ވަނީ ފަސްޓް ލޭޑީގެ މަގާމު، "ފޮތެއް ޕްރޮމޯޓް ކުރުމުގެ ބަދަލުގައި ކުޑަކުދިންނަށް އެހީވުމަށް" ބޭނުން ކުރައްވަން ކަމަށް ވިދާޅުވެފަ އެވެ. އަދި އިވާނާ ދެއްކެވި ވާހަކާގައި އެއްވެސް ބަރުދަނެއް ނެތް ކަމަށާއި އެއީ "މީހުންގެ ސަމާލުކަން ހޯދުމުގެ ގޮތުން އަމިއްލަ ފައިދާއަށް ދެއްކެވި ވާހަކަތައް" ކަމަށް ވިދާޅުވެފަ އެވެ.
އެއީ އެމެރިކާގެ ފަސްޓް ލޭޑީ އަކާއި އެގައުމުގެ ރައީސްގެ ކުރީގެ އަނބިކަނބަލަކާ ދެމެދު އެފަދަ ބަހުގެ ހަމަލާތައް ބަދަލު ކުރި ފުރަތަމަ ފަހަރެވެ. (ބީބީސީ)