ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މަޖިލީހުގައި މިއަދު ބޭއްވި ތިން ވަނަ ދައުރުގެ ދެވަނަ ޖަލްސާގައި، ސީއެސްސީގެ ނައިބު ރައީސް އަކަށް އައްޔަން ކޮށްފައި ވަނީ، އެ ކޮމިޝަނުގެ މެމްބަރު ގއ. ވިލިނގިލި، ވައިޖެހޭގެ، ޝަހީދު މުހައްމަދެވެ.

އޭނާ އެ މަގާމަށް އައްޔަން ކުުރުމަށް މަޖިލީހުން ރުހުން ދީފައި ވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. އެ ވޯޓުގައި ބައިވެރިވީ ހާޒިރުވި 46 މެމްބަރުންގެ ތެރެއިން 26 މެމްބަރުންނެވެ.

އެޗްއާރުސީއެމްގެ ނައިބަކަށް އައްޔަން ކޮށްފައި ވަނީ އެ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ނައިބު ރައީސަކަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަން ކަމުގައިވާ، ދަފްތަރު 1548، މުހައްމަދު ޒާހިދެވެ.

މަޖިލީހުން ޒާހިދަށް ރުހުން ދީފައި ވަނީ ވޯޓުގައި ބައިވެރިވި 27 މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ މަޖިލީސް ކުރިއަށް ދިޔަ އިރު، އިދިކޮޅު ފަރާތްތަކުން ދިޔައީ، އަޑުގަދަކޮށް އިހްތިޖާޖު ކުރަމުންނެވެ. ވޯޓަށް އަހައި ނިމުމުން މިއަދުގެ ޖަލްސާ ވަނީ ނިންމާލައިފަ އެވެ.