10 Oct 2017, 10:22
ކޮސޯވޯގެ މައްޗަށް ކުރި ހޯދައި ވޯލްޑް ކަޕަކަށް ކޮލިފައިވި އެންމެ ކުޑަ ގައުމަކަށް އައިސްލޭންޑް ވެއްޖެ އެވެ.
ރޭ ކުޅުނު އައިގެ މި މެޗު އައިސްލޭންޑުން ކާމިޔާބު ކުރީ 0-2ގެ ނަތީޖާއަކުންނެވެ. އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕަށް އައިސްލޭންޑް ކޮލިފައިވީ ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އައިސްލޭންޑުން ވަނީ ކޮލިފިކޭޝަންގައި ކުޅުނު 10 މެޗުން 22 ޕޮއިންޓް ހޯދައިފަ އެވެ. މި ގްރޫޕުން ދެވަނަ ހޯދައިގެން ޕްލޭ އޮފުން ޖާގަ ހޯދީ ކްރޮއޭޝިޔާ އެވެ.
އައިސްލޭންޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 40 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގިލްފީ ސިގަޑަންސަން އެވެ. އަދި އެޓީމުގެ ދެވަނަ ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގުޑްމުންޑްސަން އެވެ.
ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެ މުބާރާތަށް ކޮލިފައިވި އެންމެ ކުޑަ ގައުމު އައިސްލޭންޑްގެ ވެގެން ދިޔައީ 335،000 އާބާދީއާ އެކު އެވެ. މިއީ އައިސްލޭންޑް ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.
މިދިޔަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އައިސްލޭންޑުން ވަނީ ފުރަތަމަ ފަހަރަށް ވާދަކޮށް މުބާރާތުގެ ކުއާޓާފައިނަލްގައި ކުޅެފަ އެވެ.
އައިސްލޭންޑުގެ އިތުރުން ސާބިޔާ ވެސް ރޭ ވަނީ ގްރޫޕް ޑީގެ އެއް ވަނަ ޓީމުގެ ގޮތުގަ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. ސާބިއާ ކޮލިފައިވީ ޖޯޖިޔާގެ މައްޗަށް 0-1 އިން ކުރި ހޯދައިގެންނެވެ. މި ގްރޫޕުން ދެ ވަނަ ހޯދައިގެން ޕްލޭ އޮފުން ޖާގަ ހޯދީ އަޔަލޭންޑެވެ. އެޓީމަށް 10 މެޗުން ލިބުނީ 19 ޕޮއިންޓެވެ.