10 Oct 2017, 09:52
އުމުރުން އެންމެ 16 އަހަރުގެ ޒާއިރާ ވަސީމާ އަކީ މިހާރު ފިލްމީ އިންޑަސްޓްރީގައި ހުރި އެންމެ ކުޅަދާނަ ޒުވާން ބަތަލާ ކަމަށް ބޮލީވުޑްގެ ކުޅަދާނަ ބަތަލު އާމިރު ހާން ބުނެފި އެވެ.
ފިލްމް 'ދަންގަލް' އިން މަޝްހޫރުވެގެން ދިޔަ ޒާއިރާ ވަނީ އެ ފިލްމުގައި ވަރަށް މުހިއްމު ރޯލެއް އަދާކޮށްފަ އެވެ. މިހާރު ރިލީޒްވާން ތައްޔާރުވެފައިވާ "ސީކްރެޓް ސުޕަސްޓާ"ގެ ވެސް އެންމެ މުހިއްމު އެކްޓަރަކީ ވެސް އޭނާ ކަން ބޭރުގެ ހަބަރުތައް ބުނެ އެވެ.
އާމިރު ބުނީ ބޮޑު މީހަކަށް ވިޔަސް އަދި ކުޑަކުއްޖަކަށް ވިޔަސް މޮޅު މީހަކަށް ވާނީ އޭނާ އަށް އަދާކުރަން ޖެހޭ ރޯލު އެއްވެސް ޖެހިލުމަކާ ނުލައި ފުރިހަމައަށް އަދާކުރުމުން ކަމަށެވެ. ފުރިހަމައަށް އަދާކުރުމާ އެކު ހިތްވަރާ އެކު މަސައްކަތް ކުރުމަކީ އެ މީހެއްގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރު ކަމަށެވެ.
އާމިރު ބުނި ގޮތުގައި މިހާރުގެ ކުޑަކުދިން ވަރަށް ވިސްނުން ތޫނެވެ. އެގޮތުން ޒާއިރާ އަކީ ވެސް ކުޑަކުއްޖެއް ކަމަކު ވަރަށް މޮޅު އެކްޓަރެއް ކަމަށެވެ. އަދި އޭނާ އަކީ މިހާރު މުޅި ފިލްމީ އިންޑަސްޓްރީގައި ވެސް އެންމެ ކުޅަދާނަ އެންމެ ނަން ވިދާލާ ޒުވާން ބަތަލާ ކަމަށް އާމިރު ވަނީ ބުނެފަ އެވެ.
"ސީކްރެޓް ސުޕަސްޓާ"ގައި ޒާއިރާ ކުޅެނީ އިންސިއާ ކިޔާ ކަޝްމީރުގެ ޓީންއޭޖް ކުއްޖެއްގެ ރޯލެވެ. އިންސިއާ އަކީ ލަވަކިޔުންތެރިއަކަށް ވުމުގެ ހުވަފެން ދެކޭ ކުއްޖެކެވެ.
އަދަވައިތު ޗަންދަންގެ ޑައިރެކްޓްޝަންގެ ދަށުން ކުރިއަށްދާ އެ ފިލްމުގައި ފެނިގެން ދާނީ އިންސިއާ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ މިންނެއް މަސައްކަތެވެ.
އާމިރު ޚާން ޕްރޮޑަކްޝަން އާއި ޒީ ސްޓޫޑިއޯ އަދި އާކާޝް ޗައުލާ ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.