10 Oct 2017, 09:20
ވޭތުވެދިޔަ ނުވަ އަހަރު ރާއްޖޭގައި ގިނަ ކުށްތަކެއް ހިނގަން މެދުވެރިވި ސަބަބު ދެނެގަންނަން ބަޔަކާ ހަވާލުކޮށްގެން ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ދެކަނބަލުން އިސް ރަށްވެހިންނާ ބައްދަލުކުރެއްވުމަށް ރޭ ރަސްފަންނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި ކުށްތައް ގިނަ ވަނީ ކީއްވެތޯ ދިރާސާކޮށްލުމަށް ބަޔަކާ ހަވާލު ކުރި ކަމަށެވެ.
އެގޮތުން 2008 ވަނަ އަހަރުން ފެށިގެން މި ހިނގާ 2017 ވަނަ އަހަރާ ހަމައަށް ހިނގާފައިވާ ކުށްތައް ދިރާސާކޮށް ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ރިޕޯޓު މިހާރު ސަރުކާރުގެ އިސްބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި ރިޕޯޓުގެ އަލީގައި ކުރާނެ ކަންކަން ބަލަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުށުގެ ވެށިން ގައުމު ސަލާމަތް ކުރުމަށް ދިރާސާތައް ހެދުންފަދަ ކަންކަން ދައުލަތަކަށް ކުރެވިދާނެ ކަމަށެވެ. ނަމަވެސް ގައުމަކަށް ބަލާ ކަމަށް ވާނަމަ އެވަރަކުން ނުފުދޭ ކަމަށެވެ.
ކުށް ކުރުމާއި ކުރާ ކުށްތަކުގެ ސަބަބު ދެނެގަތުމާ ބެހޭ ގޮތުން ރައީސް ރޭ ވާހަކަފުޅު ދައްކަވާފައިވާއިރު މި ދުވަސްވަރަކީ މާލޭގައި ގޭންގް މާރާމާރީ އިތުރުވެފައިވާ ދުވަސްވަރެކެވެ.
ނަމަވެސް ސަރުކާރުގެ އިސްވެރިން އަދި މިނިސްޓަރުން ވިދާޅުވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން ކުށްކުރުން މަދުވެއްޖެ ކަމަަށެވެ. ޒުވާނުންނަށް ރައީސް ޔާމީން ހޯއްދަވައި ދެއްވި އެކި ފުރުސަތުތަކުގެ ސަބަބުން ކުށްކުރުން "ބޮޑުތަން" މަދުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ މިދިޔަ ޖެނުއަރީ މަހު ވިދާޅުވެފައެވެ.