09 Oct 2017, 23:40
އިސް ރަށްވެހިންގެ ތެރެއިން ގައުމަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ދެކަނބަލުން އިސް ރަށްވެހިންނާ ބައްދަލުކުރެއްވުމަށް މިރޭ ރަސްފަންނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިސް ރަށްވެހިންގެ ތެރޭގައި ފާހަގަކޮށްލެވޭ ނަންތަކެއް އެބަ ހުރި ކަމަށެވެ.
އެ ހަފްލާގައި ނަން އިއުލާނުކޮށް އިސް ރަށްވެހިންގެ ނަންތަކެއް ފާހަގަކުރަނީ ގައުމަށް ކޮށްދީފައިވާ ހިދުމަތަށް ޝަރަފު އެރުވުމުގެ ގޮތުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ބައެއް ބޭފުޅުންގެ ނަން ވިދާޅުވެފަ އެވެ.
"ފުރަތަމައިނުން ވެސް އަޅުގަނޑުގެ ހިޔާލަށް އަންނަނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު. އެމަނިކުފާނުގެ ހިދުމަތް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރާއްޖެ މިނިވަންވުމުގެ އެގްރިމެންޓުގައި ސޮއިކުރެއްވި އިރު އިސް ދައުރެއް އަދާކުރެއްވި ކަރަންކާގޭ އިބްރާހިމް ރަޝީދާއި އަބްދުﷲ ޖަމީލާއި އަބްދުއްރަޝީދު ހުސައިންގެ ނަންފުޅު ވެސް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އެބޭފުޅުންނަކީ ވަރަށް ގިނަ ފިލާވަޅުތަކެއް ގައުމަށް ދޫކުރައްވާފައި ތިއްބެވި ހިދުމަތްތެރިން ކަމަށެވެ. އެބޭފުޅުންގެ ހިޔާލު އާކުރާނަމަ "އިސް ރަށްވެހިންގެ ހަނދާން ނައްތާލާނީ ކިހިނެއްތޯ؟" ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ.
"އަޅުގަނޑުގެ ސަރުކާރުގައި އަޅުގަނޑު ގަބޫލުކުރަނީ އިސް ރަށްވެހިން އަޅުގަނޑުމެންނަށް ނަގައިދެއްވަން ޖެހޭ ފިލާވަޅުތައް މަދެއް ނުވާނެ އޭ. އިސްރަށްވެހިން ޖާގަ ހޯއްދަވަން ޖެހޭނީ ހަމައެކަނި ގޭގޭގައި ތިއްބަވައިގެނެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ގައުމަށް ދިމާވެފައިވާ މައްސަލަތަކާ މެދު އިސް ރަށްވެހިން ހިޔާލު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖެއަކީ މީހުން އައުން ހެޔޮތަނެއް ނޫން ކަމަށް ދިވެހިންގެ ތެރޭން ބަޔަކު ކިޔާއިރު އެއީ ދިވެހިންތޯ އިސް ރަށް ވެހިންގެ ހިޔާލަށް އަންނާނެ ކަމަށާއި އެ ހިޔާލުގައި އެމަނިކުފާނު ވެސް ބައިވެރިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ރައީސް އިބްރާހިމް ނާސިރާ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ހިދުމަތަށް ވެސް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.