މަރުގެ މައްސަލައަކާ ގުޅިގެން ރޭ ކ. ހިންމަފުށިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މަރުގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކާކު މަރާލި މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާލޭގައި ފަހަކަށް އައިސް ހިންގާ މާރާމާރީ މާރީތަކާ ގުޅިގެން މިހާތަނަށް ޖުމްލަ 50 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރޭން ބައެއް މީހުންގެ މައްސަލަ ތަހުގީގު ނިމި ޝަރީއަތްވެސް ފަށާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ މީހުންގެ ތެރޭގައި މާރާމާރީ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހުންނާއި މީހުން މެރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުން ހައްޔަރުކޮށްފައި ވަނީ ހެއްކާ އެކު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެފަދަ މައްސަލަތަކުގައި ތަހުގީގު ހިންގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމުގައި ސާބިތުވެ ތިބޭނެ ކަމަށެވެ.

ފުލުހުން އެހެން ބުނެފައިވާއިރު މިއަހަރުގެ މިހާތަނަށް ހަތް މަރެއް ވަނީ ހިނގާފަ އެވެ. އޭގެތެރޭގައި ދެ ބިދޭސީއެއްގެ މަރާއި މާރާމާރީތަކުގެ މަރާލި މީހުން ހިމެނެ އެވެ.