ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރޭ އޮމާންއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ ކަމަށް ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓްވާޓް ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްޓެވާޓް ބުނީ ދަގަނޑޭގެ އަނިޔާ ދެނެގަތުމަށް ހެއްދި އެމްއާރްއައި ރިޕޯޓްތަކަށް ބެލުމަށް ފަހު ޓީމުގެ މެޑިކަލް އޮފިޝަލުން ނިންމީ އޭނާ ލައްވާ ނުކުޅުވަން ކަމަށާއި ނަމަވެސް ދަގަނޑޭ ހުރީ ކުޅެން ކެތްމަދުވެފައި ކަމަށެވެ.

"ދަގަނޑޭ ބޭނުން ކުޅެން، އޭނާ ހުރީ ކުޅެން ވަރަށް ބޭނުންވެފަ. ޕްރެކްޓިހަށް ވެސް ނުކުތް. ނަމަވެސް އަހަރެން އޭނާ ދަނޑުން ފޮނުވާލީ. އަހަރެން ބޭނުމެއް ނުވޭ އަހަރެންނާ ހެދި ދަގަނޑޭގެ ކެރިއަރު ނިމޭކަށް،" ސްޓެވާޓް ބުންޏެވެ.

މިދިޔަ އަހަރު ދަގަނޑޭގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އެނބުރި ގައުމީ ޓީމާ ގުޅުނީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހުއެވެ. މިއަހަރު ގައުމީ ޓީމަށް ދަގަނޑޭ ކުޅުނީ އޮމާންއާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުގައެވެ.

ގައުމީ ޓީމުގެ މެޗަށްފަހު ދަގަނޑޭއަށް ނިއު ރޭޑިއަންޓުގެ ޕްރެކްޓިހުގައި ބައިވެރިވެ، އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރަށް ފިޓްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.