މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ) ވުޖޫދުގައި އޮތުމުގެ ބޭނުމެއް ނުފެންނަ ކަމަށް ވިލިފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒު އެހެން ވިދާޅުވެފައި ވަނީ މާލިއްޔަތި ކޮމެޓީއާ ބައްދަލުކުރުމަށް އެމްއެމްސީ އިން އެދުމުން އެކަމާ ގޮތެއް ނިންމުމަށް މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

މީޑިއާ ކައުންސިލަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ އެއް މަސައްތަކެއް ކުރާ ދެތަނެއް އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ނޫން ކަމަށާއި މީޑިއާތައް ޒިންމާދަރުކޮށް، އެ ފަރާތްތަކަށް ދިމާވާ ދަތިތަކާ ގުޅޭ ވާހަކަދައްކަވަން ތިއްބަވަނީ މީޑިއާތަކުގެ ވެރިން ކަމަށެވެ.

"މީޑިއާ ކައުންސިލް އޮވެގެން އެބޭފުޅުންނަށް ކުރެވިދާނެ ކޮންކަމެއް ކަމެއް ވެސް އަޅުގަނޑުމެނަކަށް މިހާތަނަކަށް ނޭނގޭ. އެއީ މިހާތަނަށް ކެމެއް ކުރި ކަމެއް ވެސް ނޭނގެ. މީގެ ކުރިން ވެސް ވާނީ މި ކޮމެޓީން އެ ކައުންސިލަކީ އޮންނަން ޖެހޭނެ ތަނެއް ނޫން ކަމަށް މަސްވަރާކޮށް ރިޕޯޓެއް ފޮނުވެފައި،" ރިޔާޒު ވިދާޅުވި އެވެ.

އެމްއެމްސީއަކީ އުވާލަން ޖެހޭ ތަނެއް ކަމަށް ދޭހަވާ މޭރުމުން ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ ދައުލަތުގެ ބަޖެޓްގެ ހަރަދު ކުޑަކުރަން ވިސްނާއިރު އެއް މަސަތްތަކެއް ކުރާ ދެ ބަޔަކު އޮންނަން ނުޖެހޭ ކަމަށެވެ.

"ޖަމިއްޔާއެއް ހިނގާ ގޮތަށް ގާތްގަނޑަކަށް މިތަން[އެމްއެމްސީ] މި ހިގަނީ. ހޯމް މިނިސްޓްރީން އިންތިހާބު ބާއްވައިދޭން މި ޖެހެނީ. މިއަށްވުރެން ބޮޑަށް މިތަން ޖަވާބުދާރީ ވާން ޖެހޭނެ ގޮތަކަށް އޮންނަން ޖެހޭނީ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒުގެ ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ކޮމެޓީ ދޫކުރައްވައި ނިކުމެވަޑައިގަތުމުގެ ކުރިން ސަރުކާރާ ދެކޮޅު ދެ މެންބަރުން ކަމަށްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.

"ފަހަރެއްގައި ވެދާނެ މީޑިއާ ކައުންސިލުން ނިންމާ ނިންމުންތަކަށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ހިތްހަމަނުޖެހެނީ ކަމަށް. އެހެން ކަމަށްވާ ނަމަ އަޅުގަނޑުމެންގެ ވަރަށް ބޮޑު ހިތްހަމަ ނުޖެހުމެއް އެބައޮތް ބްރޮޑްކާސްޓިން ކޮމިޝަނަށް،" ފައިސާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ކޮމެޓީއަށް ހުށެހެޅިފައި އޮތީ މުއައްސަސާއެއް އުވާލުމާ ގުޅޭ ކަމެއް ނޫން ކަމަށާއި ހުށަހެޅިފައި އޮތީ އެ ކައުންސިލާ ބައްދަލުކޮށް އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ކޮމެޓީން ކުރެވޭނެ ކަމަކާ މެދު ގޮތެއް ނިންމުން ކަމަށެވެ.

އަބްދުލްޣަފޫރި އާއި ފައިސަލް ނަސީމް ކޮމެޓީ ދޫކުރައްވައި ނިކުމެވަޑައިގަތުމުން ކޮމެޓީގެ ރިޔާސަތުގައި އިންނެވި ވިލިމާފަންނު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ވަކި މުއްސަސާއަކަށް ވުމުން އެބަޔަކާ ބައްދަލު ނުކުރުމުގެ ވިސްނުމެއް މަލިއްޔަތު ކޮމެޓީގައި އެވެގެން ނުވާނެ ކަމަށާއި ކިރިޔާ ވެސް ވަގުތެއް އޮވެއްޖެ ނަމަ ބައްދަލު ކުރަން ޖެހޭނެ ކަމަށެވެ.