09 Oct 2017, 15:15
ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ ކާރުކޮޅުގައި ހުޅުޖަހައި ރޭ ހިންގި އަމަލަކީ ޖިނާޢީ އަދުލުގެ ނިޒާމް ބަލިކަށިކޮށް، ޖިނާއީ އަދުލުގެ ނިޒާމާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ޓަކައި ކުރިމަތިކުރިވި ނުރައްކާތެރި އަމަލެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލަކީ ޖިނާއި އަދުލު ގާއިމު ކުރުމުގައި މުހިއްމު ފަރާތެއް ކަމަށާއި އެކަމަނާގެ ކާރުކޮޅަށް ދިން ހަމަލާއަކީ ޖިނާއީ އަދުލު ގާއިމުކުރުމަށް ހުރަސްއެޅުމަށް ދިން ހަމަލާއެއް ކަމަށާއި އެކަން ބެލުމަށް ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ އަވަހަށް ތަހުގީގުކޮށް ޒިންމާވާން ޖެހޭ ފަރާތްތައް ވީ އެންމެ އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ރޭ މެންދަމު ޖަނަވަރީ މަގުގައި އޮތް ޕީޖީ ބިޝާމްގެ ކާރުކޮޅުގައި ރޯކޮށްލާފައިވާ އިރު އެ ކަމަނާ ވިދާޅުވީ އެ މައްސަލާގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި އެއީ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމްތަކަކަށް ވާތީ އެ ތަހުގީގުތައް ކުރިއަށްދަނީ އެ އޮފީހުގެ ފުރިހަމަ އިރުޝާދާ އެކު ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
"އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އެކަން ކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނަން،" ބިޝާމް ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ ކާރުކޮޅުގައި ރޯކޮށްލި މައްސަލާގައި ޝައްކުކުރެވޭ ވަކި ފަރާތެއް ނެތް ކަމަށާއި ފުލުހުންގެ ތަހުގީގުން އެކަން ކުރިބަޔަކު އެނގިގެންދާނެ ކަމަށެވެ.