31 Jul 2011, 15:13
މާދަމާ ރޯދަ ފަށާއިރު ބާޒާރުގައި ކާބޯތަކެތި ތިޔާގިވެފައި ވިޔަސް އަގުތަށް އުޅެނީ އަދިވެސް މަތީގަ އެވެ. ބައެއް ތަކެތީގެ އަގު މަޑު މަޑުން ނަމަވެސް ދަނީ މައްޗަށް ޖެހެމުންނެވެ.
މަހުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އައިސްފައިނުވާއިރު މަސް މާރުކޭޓު ފެންނަނީ ވަރަށް ފަގީރުކޮންނެވެ. ފަރުމަހުގެ ބާވަތްތައްއެއްގޮތަކައް ވެސް މާރުކޭޓުގައި ނެތް އިރު ގޮދާ ލައްޓި ރާގޮނޑި އަދި އާދައިގެ މަސް ވެސް ވަރަށް މަދެވެ. ގޮދާގެ އަގު އުޅެނީ 300ރ. އާއި 350ރ. އާ ދެމެދު އެވެ. ހެޔޮވަރު ސައިޒުގެ މަހުގެ އަގުތައް އުޅެނީ 150ރ އާއި 120 ރ އާއި ދެމެދު އެވެ. ލައްޓި އަދި ރާގޮޑީގެ އަގުވެސް އުޅެނީ ބޮޑުކޮށެވެ. ކުދި މުށިމަހެއް ހަ ރުފިޔާއަށް ވިއްކާއިރު އިރު ރެހި ޖޯޑެއް އުޅެނީ ފަސް ރުފިޔާ އަށެވެ. މަސްވެރިން ލަފާކުރާ ގޮތުގައި މިހާރު މަހުގެ އަގު ބޮޑު ނަމަވެސް ރޯދަ މަސް ތެރޭގައި މަސް ތިޔާގިވާނެ އެވެ.
"މިހާރު މަސްވެރިކަން އެބަ ރަނގަޅުވޭ. އެހެންވީމާ ރޯދަމަހު މަހުގެ ތިޔާގިކަން ރަނގަޅުވާނޭ ދަންނަވަން ޖެހޭނީ. ދެން ފަހުކޮޅަށް އައިމާ ވާނެ ގޮތެއް ނޭންގޭ،" މަސްވެރިއަކު ބުންޏެވެ.
މާރުކޭޓުގައި ދިވެހި ބާވަތްތަކުގެ އަގުތަކަށް ބަލާއިރު ދިވެހިންގެ މެދުގައި ރޯދައަށް ހާއްސަ ކަރާ ކިލޯއެއް އުޅެނީ 10ރ. އަށެވެ. ކަރާގެ އަގު ހުރީ ހެޔޮކޮށެވެ. ކޮޕީފަތް ބޮޑިއެއް 10ރ. އަކަށް ވިއްކާއިރު ލެޓިއުސް އުޅެނީ 40 ރ. އަށް ކިލޯއެކެވެ. އަދި ކިޔުކަމްބާ ކިލޯއެއް 20ރ. އަށް ހުރިއިރު ގިތެތޮ މިރުސް އުޅެނީ 40ރ. އަށް 100ގުރާމެވެ.
ލޯކަލް މާރުކޭޓުގައި ކުރުނބާ ހުރީ މަދުންނެވެ. ކުރުނބާ ވިއްކަނީ 20ރ. އާއި 25ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
ދަޑުވެރިން ބުނީ މާދަމާ ރޯދަ ފަށާއިރު ބާޒާރަށް މޭވާގެ ބާވަތްތައްވެސް އަންނަން ފަށާނެ ކަމަށެވެ. ދަޑުވެރިން ގަބޫލުކުރާ ގޮތުގައި ދިވެހި އުފެއްދުންތަކުގެ އަގު އެއްހަމައެއްގައި މިފަހަރު ބެހެއްޓޭނެ އެވެ.
"މިހާރު ހުރި ބައެއް ތަކެތި އަޅުގަނޑުމެންނަށް ކޮންޓްރޯލް ކޮއްލެވޭނެ،" ތޮއްޑޫގެ ދަޑުވެރިއަކު ބުންޏެވެ.
ތަރުކާރީގެ ބާވަތްތަކުގެ އަގުތަކަށް ބަލާއިރު ކެރެޓް ކިލޯއެއް އުޅެނީ 50ރ ގަ އެވެ. އަދި ކެބެޖް ކިލޯއެއްވެސް އުޅެނީ 30-40ރ. ދެމެދުގަ އެވެ. އަދި ކާށިވެސް އުޅެނީ 5-7ރ ދެމެދު ގަ އެވެ. ފިޔާ ކިލޯއެއް އުޅެނީ 20ރ އާއި 15ރ އާއި ދެމެދު އެވެ، އަލުވި ކިލޯއެއްވެސް އުޅެނީ އާންމުގޮތެއްގައި 12ރ އަށެވެ. ބިސް ހުރީ 1.50ރ އަށެވެ.