20 May 2010, 14:34
19:00
އިންޓަނެޓް މެދުވެރިކޮށް ވީޑިއޯތައް ހިއްސާކުރާ މަޝްހޫރު ވެބްސައިޓް ޔޫޓިއުބްގައި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ކުރަހާފައިވާ ކާޓޫނުތަކެއް އާންމުކުރުމާ ގުޅިގެން ޕާކިސްތާނުން އެސައިޓް ބްލޮކް ކޮށްފި އެވެ.
ޕާކިސްތާން ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީ (ޕީޓީއޭ) އިން އެގައުމުގައި އިންޓަނެޓްގެ ޚިދުމަތް ދޭ ފަރާތްތަކަށް މިސައިޓް ބްލޮކްކުރުމަށް އަންގާފައި މިވަނީ މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު އެއް ވެބްސައިޓް ކަމަށްވާ ފޭސްބުކް ބްލޮކްކުރުމަށް އެންގިތާ އެއްދުވަސް ފަހުންނެވެ. ޕީޓީއޭ އިން ބުނެފައިވަނީ ޕާކިސްތާނުގައި ފޭސްބުކް ބްލޮކްކުރުމަށް އެންގީ ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ފާޑުފާޑުގެ ކާޓޫނު ކުރަހައި ހެދުމުގެ މުބާރާތެއް ފޭސްބުކްގައި ހުޅުވާލުމާ ގުޅިގެން ޕާކިސްތާނުގެ ކޯޓަކުން އެސައިޓް ބްލޮކްކުރުމަށް އެންގުމުން ކަމަށާއި އެއަށް ފަހު ޔޫޓިއުބް ބްލޮކްކުރަން އެންގީ ފޭސްބުކްގައި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ކުރަހާފައި ހުރި ބައެއް ކާޓޫނުތައް އެސައިޓުގައި އާންމުކުރުމާ ގުޅިގެން ކަމަށެވެ.
މިކަމާ ގުޅިގެން ޕާކިސްތާނުގައި އިންޓަނެޓުގެ ޚިދުމަތް ދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ނަޔަޓެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ވައްހާޖުއް ސިރާޖް ވަނީ ޕީޓީއޭ އިން އެގޮތަށް އަންގާފައިވާ ކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަދި މިއެންގުމުގެ މަތިން މިހާރު އެގައުމުގައި ޔޫޓިއުބާއި ފޭސްބުކް ބްލޮކްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވައްހާޖުއް ސިރާޖް އިތުރަށް ވިދާޅުވީ ޕާކިސްތާނުގެ އިންޓަނެޓް ޓްރެފިކްގެ ގާތްގަނޑަކަށް 25 ޕަސެންޓަކީ ޔޫޓިއުބާއި ފޭސްބުކް ކަމަށްވާއިރު މިދެސައިޓް ބްލޮކްކުރުމާ ގުޅިގެން އެގައުމުގައި އިންޓަނެޓް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް މަދުވެގެން ދާނެ ކަމަށެވެ.
އަލްޒަޒީރާއިން މައުލޫމާތުދޭ ގޮތުގައި މިދެސައިޓް ބްލޮކްކުރުމަށް އެންގި ކޯޓުން އަންގާފައިވަނީ މިހިނގާ މެއިމަހުގެ ނިޔަލަށް އެދެސައިޓް ބްލޮކްކުރުމަށެވެ. އަދި މިމަސް ނިމުމުން މިކަމާ މެދު އާ ނިންމުމެއް ނިންމާނެ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.