އަންނަ އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެރަލް ހުށަހެޅުއްވި 50.599 މިލިއަން ރުފިޔާގެ ބަޖެޓް، އެއޮފީހަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމެޓީން އެގޮތަށް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމެއްގައި ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި އަށް މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ސަރުކާރާ ދެކޮޅު ދެ މެންބަރުން ކަމަށްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވެސް ވަނީ އޮޑިޓް އޮފީހުގެ ބަޖެޓަށް ތާއިދުކޮށް ވާހަކަފުޅުދައްކަވައިފަ އެވެ.

މިދިޔަ އަހަރުގެ ބަޖެޓަށް ވުރެ އިތުރަށް 3.4 މިލިއަން ރުފިޔާގެ ބަޖެޓެއްކަން ފާހަގަކޮށް ޣަފޫރު ވިދާޅުވީ އޮޑިޓް އޮފީހުން ހުށަހަޅުއްވާފައިވާ އަދަދަށް ބަޖެޓް ދޭން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ އެ ފަރާތްތަކުގެ މަސަތްކަތްތަކަށް ބުރޫއަރެމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"މިހިނގަމުންދާ އަހަރާއި ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓަކުން މާބޮޑު ތަފާތެއް ނުފެނޭ. އަޅުގަނޑުމެން އޮޑީޓާ ޖެނަރަލްއާ މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައި އެ މައްސޫލިއްޔަތުތައް އަދާކުރެވޭނެ ގޮތް ފަހިކޮށް ނުދިނުމަކީ މައްސަލައަކަށް ވާނެ،" ފައިސަލް ވިދާޅުވި އެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ މުއައްސަސާތަކުން ހުށަހަޅުއްވާ އަދަދަށް ބަޖެޓް ހަމަޖައްސައި ނުދިނުމަކީ އެފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އަޅާ ކަމުގެ ތުހުމަތު މަޖިލީހަށް ކުރާ ކަމެއް ކަމަށެވެ.

ރިޔާޒު ވިދާޅުވީ ބަޖެޓްގެ އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައި ވަނީ މުސާރައަށް ކަމަށެވެ. މުސާރައިގެ އިތުރުން އެހެނިހެން ހަރަދުތަކަށް 13 މިލިއަން ރުފިޔާގެ ވަނީ ކަނޑައަޅައިފަ އެވެ. ތިން މިލިއަން ދަތުރުފަތުރަށް އޮތް އިރު ތައުލީމާއި ތަމްރީންތަކަށް ވަނީ 1.1 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

"މިދިޔަ އަހަރަށް ވުރެ ތިން ދާއިރާއަކުން މި އަހަރު ކަނޑައަޅާފައިވާ ބަޖެޓް ބޮޑުވަނީ. މި ބަދަލުތަކަކީ ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން އަތުވެދާނެ ބަދަލުތަކެއް ކަމަށް ގަބޫލު ކުރެވެނީ،" ރިޔާޒު ވިދާޅުވި އެވެ.