އުންމީދު ކުރަނީ އަމިއްލަ ދަނޑުގައި އޮމާން ބަލިކޮށް އޭޝިއަން ކަޕަށް ކޮލިފައި ވުމުގެ ފުރުސަތު އާ ކުރަން ކަމަށް ގައުމީ ޓީމުގެ ކޯޗު ޑާރެން ސްޓެވާޓް ބުނެފިއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރޭ ރާއްޖެއާއި އޮމާން، ގަލޮޅު ރަސްމީ ދަނޑުގައި ނިކުންނަ އިރު، މި މެޗުން ރާއްޖެ ބަލިވެއްޖެ ނަމަ މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެއަށް ގެއްލިގެން ދާނެއެވެ. ކޮލިފައި ވުމުގެ އުންމީދު ދެމެހެއްޓުމަށް ރާއްޖެއަށް މާދަމާ ރޭގެ މެޗުން މަދުވެގެން ޕޮއިންޓެއް ބޭނުން ވާނެއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްޓެވާޓް ބުނީ ކުޅުންތެރިންގެ މަސައްކަތާއި މެދު ސުވާލު އުފައްދާނެ ފުރުސަތެއް ނެތް ކަމަށެވެ. ހުރިހާ ކުޅުންތެރިން ވެސް އެ ކުޅުންތެރިއެއްގެ 100 ޕަސެންޓު ގައުމީ ޓީމަށްޓަކައި ދޭނެ ކަމަށް ކޯޗު ބުންޏެވެ.

"ކުޅުންތެރިންގެ މަސައްކަތާއި މެދު ސުވާލެއް ނުއުފެއްދޭނެ. މިހާތަނަށް އަދި އެފަދަ ހާލަތެއް މައްސަލައެއް އަހަރެންނަށް ފާހަގަ ވެފައެއް ނެތް. އެފަދަ ހާލަތެއް އައިސްފި ނަމަ އަހަރެން ކުޅުންތެރިނާ ދިމާއަށް ބުނަން ޖެހޭ އެއްޗެއް ބުނާނަން،" ސްޓެވާޓް ބުންޏެވެ.

އޭނާ ބުނީ ގައުމުން ބޭރުގައި އޮމާނާ ދެކޮޅަށް ކުޅެ 0-5 އިން ބަލިވި މެޗުގައި ރާއްޖޭގެ ކުޅުމަށް ފާޑު ކިޔާނަމަ ކިޔަންވީ އޭނާގެ ޓެކްޓިކްސް އަށް ކަމަށާއި ޓީމުން ދޭ ޕާފޯމެންސާ މެދު އެއްވެސް މައްސަލައެއް ނުޖެއްސޭނެ ކަމަށެވެ.

"ޓީމުގެ ކުޅުން ވަރަށް ރަނގަޅު. ފަހަރެއްގައި ވެދާނެ އެ މެޗުގައި އަހަރެން ބޭނުން ކުރީ ގޯސް ޓެކްޓިކްސް ތަކެއް ކަމަށް. ނަމަވެސް އެންމެންވެސް ގަބޫލު ކުރަން ޖެހޭނެ ހަގީގަތަކީ އޮމާނަކީ މޮޅު ކުޅުންތެރިން ތިބި ބޮޑު ބަޖެޓެއް އޮތް ޓީމެއް ކަން،" ސްޓެވާޓް ބުންޏެވެ.

ސްޓެވާޓް ބުނީ މާދަމާގެ މެޗަށް ފުރިހަމަ އަށް ތައްޔާރުވެވިފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ނަމަވެސް އެކަމުގައި ތުހުމަތު ކުރާނެ ފަރާތެއް ނެތް ކަމަށެވެ.

"ނަތީޖާތައް ރަނގަޅު ނުވެއްޖިއްޔާ އެންމެ ފުރަތަމަ ގެއްލޭނީ އަހަރެންގެ ވަޒީފާ. އަހަރެންގެ ހަޔާތުގައި ގިނަ ގޯސްތަކެއް ކޯޗެއްގެ ގޮތުގައި ހެދިފައި އެބަހުރި. އެކަން ރަނގަޅުކޮށް އަބަދުވެސް އަހަރެން ނުކުންނަނީ،" ސްޓެވާޓް ބުންޏެވެ.

ސްޓެވާޓް ބުނީ އަމިއްލަ ދަނޑުގައި ކުޅުމުގެ ފައިދާ އެބައޮތް ކަމަށާއި ސަޕޯޓަރުން ކުޅުންތެރިންނާ އެކު ވާނަމަ މާދަމާގެ މެޗުން ގައުމީ ޓީމަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.

ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހަ ވަރަކަށް ހަފްތާ އަށް ކުޅުމާ ދުރަން ދާން ޖެހިފައިވާ ކަމަށް ސްޓެވާޓް ބުންޏެވެ. ނަމަވެސް ބަދަލުގައި އަރާ ކުޅުންތެރިންނަށް ބޭނުންވާ ނަތީޖާ ހާސިލްކުރެވޭނެ ހިތްވަރު އެބަހުރި ކަމަށާއި އުއްމީދު ދޫކޮށް ނުލާނެ ކަމަށް ސްޓެވާޓް ބުންޏެވެ.