31 Jul 2011, 14:12
ތ. ތިމަރަފުށީ ފަޅުން ހިއްކި 10 ހެކްޓަރުގެ ބިން ކުޑަވެގެން އިތުރަށް ބިން ހިއްކައި ދިނުމަށް ހުށަހަޅައިފި އެވެ.
ރަށު ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ އިތުރު 24 ހެކްޓަރުގެ ބިން ހިއްކައި ދިނުމަށް ސަރުކާރުގައި އެދެން ޖެހުނީ އެ ރަށުގައި ދިރިއުޅޭ 2000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ގޯއްޗަށް އެދިފައިވާ މީހުންނަށް މިހާރު އޮތް ބިމުން ގޯތި ނުދެވޭނެތީ ކަމަށެވެ. ހިއްކި ބިމުން ގޯއައްޗަށް އެދިފައިވާ ތިމަރަފުށީ މީހުންގެ އަދަދު 400 އަށް ވުރެ ގިނައިރު އަތޮޅުގެ އެހެން ރަށްރަށުން ވެސް އެބިމުން ގޯތި ހޯދަން އެދެމުން އަންނަ ކަމަށް ވެސް ހަލީލް މިއަދު ވިދާޅުވި އެވެ.
ރަށު ކައުންސިލުން އެދިފައިވާ ގޮތަށް އިތުރު 24 ހެޓަރުގެ ބިން ސަރުކާރުން ހިއްކައި ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެހެން ވެއްޖެ ނަމަ އެދިފައިވާ އެންމެނަށް ވެސް ގޯތި ދެވޭނެ ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.
ޚަލީލު ވިދާޅުވި ގޮތުގައި ރަށުގެ ހިއްކި ބިމުން ސަހަރާއަށާއި ދަނާލެއްގެ އިތުރުން ސްޓޭޑިއަމްއަކާއި، ޒުވާނުންގެ މަރުކަޒަކާއި، ބާސްކެޓްކޯޓަކާއި ވޮލީ ކޯޓަކާއި، ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ބޭނުންވާ ބިން ދޭން ޖެހެ އެވެ. އަދި އެބިންތައް ދިނުމުން ދެން ބާކީވާނެ ކަމަށް ލަފާކުރެވެނީ ހައެއްކަ ހެކްޓަރުގެ ބިމެވެ. އަދި ވިދާޅުވީ އެ ބިންތައް ދިނުމުން، ގޯއްޗަށް އެދިފައިވާ 419 މީހުންގެ ތެރެއިން ގޯތި ދެވޭނެ ކަމަށް ބެލެވެނީ 100 މީހުންނަށް ކަމަށެވެ.
" ގޯތި ބޭނުންވެގެން ނަން ނޯޓްކޮށްފައިވާ ހުރިހާ ފަރާތަކަށް މިހާރު ހިއްކާފަ އޮތް 10 ހެކްޓަރުގެ ބިމުން ގޯތި ދެވޭވަރެއް ނުވާނެ. ދިހަ ހެކަޓަރުން 100 ވަރަކަށް އާއިލާއަށް [100 މީހުންނަށް] ކިރިޔާ ގޯތި ހަމަވާނީ. އަނެއްކާ އަތޮޅުގެ އެހެން ރައްރަށުން ވެސް 70 އަށްވުރެ ގިނަ އާއިލާ ތަކުން [މީހުން] ގޯތި ހޯދަން އެދެމުންދަނީ. އެހެންވެ މިހާރު މިއުޅެނީ ރަށުން ބޭރު މީހުންތެރެއިން މިރަށުން ގޯތި ބޭނުން ވެގެން އެދޭފަރާތް ތަކުގެ ދަފްތަރެއް އެކުލަވާން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވެސް ރޯދަމަހު ފަނަރަ ހިސާބުގައި ފަށާނަން،" ޚަލީލް ވިދާޅުވި އެވެ.
ތިމަރަފުށީ އާބާދީގެ ތެރެއިން އެރަށުގައި ދިރިއުޅެމުން އަންނަނީ 2660 މީހުނެވެ.