09 Oct 2017, 11:57
މާލޭ ޖަލަށް ވަދެ ހަމަނުޖެހުން ހިންގައި އެތަނުގެ ބައެއް އޮފިސަރުންނަށް އިންޒާރުދިން މީހުން ހޯދުމަށް ފުލުހުން އާންމުގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން ވަނީ އެމީހުން މާލޭ ޖަލުގައި ހަރަކާތްތެރިވާ ވީޑިއޯއެއް މިއަދު އާންމުކޮށްފައެވެ. ނަމަވެސް އެމީހުން މާލޭ ޖަލަށް ވަދެ ހަމަނުޖެހުން ހިންގީ ކޮން ދުވަހަކު ކަމެއް ފުލުހުންނާއި ކަރެކްޝަނަލް ސާވިސް އިން ވެސް ނުބުންޏެވެ.
ވީޑިއޯއިން ފެންނަނީ މާލޭ ޖަލުގެ ވެއިޓިންގ އޭރިއާ ކައިރީގައި 10 ފިރިހެނަކު މަޑުކޮށްގެން ތިބޭ ތަނެވެ. އަދި އެމީހުން އެތަނުގައި ހޭލަމޭލަވާތަން ފެންނައިރު އެތަނުން ބަޔަކު ޖަލުގެ އޮފިސަރުންތަކަކާ ވާހަކަ ދައްކާތަން ވެސް ފެނެއެވެ. އެއަށް ފަހު ކޮންމެވެސް ވަރެއްގެ ބަހުގެ ހަމަލާތަކެއް އަމާޒު ކުރާތަން ވީޑިއޯއިން ފެނެއެވެ. އަދި އިރުކޮޅެއް ފަހުން އެމީހުން އެތަނުން ނުކުމެގެން ދެއެވެ.
އެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.