09 Oct 2017, 11:28
ރޭ މެންދަމުގެ ވަގުތެއްގައި އަލިފާން ރޯކޮށްލާފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ ކާރުކޮޅުގައި ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.
ބިޝާމް މިއަދު "ސަން" އަށް ވިދާޅުވީ އަލިފާން ރޯކޮށްލީ ދައުލަތުގެ ރަސްމީ ކާރެއްގައި ކަމަށާއި އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ރޭ ބިޝާމްގެ ކާރުކޮޅުގައި ރޯކޮށްލާފައިވާ އިރު، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ލޮނުޒިޔާރަތް މަގު، ޝާހީދު އަލީ މިސްކިތް ކައިރީގައި ޕާކު ކޮށްފައި އޮތް އަމިއްލަ މީހެއްގެ ކާރެއްގައި ވަނީ ރޯކޮށްލައިފަ އެވެ.
ބިޝާމް ވިދާޅުވީ އެ ދެ މައްސަލާގައި ވެސް ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި އެއީ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމްތަކަކަށް ވާތީ އެ ތަހުގީގުތައް ކުރިއަށްދަނީ އެ އޮފީހުގެ ފުރިހަމަ އިރުޝާދާ އެކު ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
"އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އެކަން ކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނަން،" ބިޝާމް ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ ކާރުކޮޅުގައި ރޯކޮށްލި މައްސަލާގައި ޝައްކުކުރެވޭ ވަކި ފަރާތެއް ނެތް ކަމަށާއި ފުލުހުންގެ ތަހުގީގުން އެކަން ކުރިބަޔަކު އެނގިގެންދާނެ ކަމަށެވެ.
"ރޭގެ އިންސިޑެންޓާ ގުޅިގެން އަޅުގަނޑަށް ޝައްކުކުރެވޭ ވަކި ފަރާތެއް ނެތް. އެއްވެސް ފަރާތަކާ މެދު ފިޔަވަޅެއް އެޅުމަށް އަޅުގަނޑު ފަހެއް ނުޖެހޭނަން. ކޮންމެ މީހަކު ގާނޫނުގެ ކުރިމައްޗަށް ގެންނަން ޖެހުނަސް އެކަން ކުރާނަން. އެކަމުގައި ސާބިތުވެ ހުންނާނަން،" ބިޝާމް ވިދާޅުވި އެވެ.
ޖަނަވަރީމަގުގައި ޕާކްކޮށްފައި އޮތް، ބިޝާމްގެ ކާރުކޮޅުގައި ރޯކޮށްލި ކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ 3:55ގައި ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ ކާރުކޮޅުގައި ރޯކޮށްލި އަލިފާން ނިއްވާލީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިންނެވެ.