09 Oct 2017, 12:03
"ޖުޅްވާ 2" އަށް ފަހު ވަރުން ދަވާން ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފި އެވެ.
ވަރުންގެ އެންމެ ފަހުން ރިލީޒްވި ފިލްމު "ޖުޅްވާ 2" އަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ބޮޑު ކާމިޔާބީއާ އެކު އޭނާގެ ފިލްމީ ކެރިއަރުގައި މި އަހަރުވެގެން ގޮސްފައި ވަނީ ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބު އަހަރަކަށް ކަމަށް ވަރުން ބުންޏެވެ.
އެއާ އެކު އޭނާ ވަނީ ފިލްމު ކުޅެދޭނެ އަގުވެސް ބޮޑުކޮށްފަ އެވެ. ވަރުން ދެން ފިލްމެއް ކުޅެދޭނީ 25 ކްރޯޑް (250 މިލިއަން) ރުޕީޒް އަށެވެ. ފަން ސަވީސް ކްރޯޑަށް އޭނާ ފިލްމު ކުޅެދޭ އަގު ބޮޑު ކުރުމާ އެކު ވަރުން ގޮސްފައި ވަނީ ބޮލީވުޑްގެ އެންމެ އަގު ބޮޑު ހަތް ވަނަ ތަރި އަށެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރުން އަށް އެހާ ބޮޑު ކާމިޔާބީއެއް ލިބިފައި ވަނީ ވެސް އޭނާ ކުރި ބުރަ މަސައްކަތުން ކަމަށާއި އޭނާގެ ހިއްވަރުންކަމަށް ފިލްމީ ތަރިން ބުންޏެވެ.
ދެހާސް ބާރަ ވަނަ އަހަރު ނިކުތް "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ނިކުތް ވަރުން އަކީ މިހާރު ބޮލީވުޑްގައި އެންމެ ކާމިޔާބު ޒުވާން ފަންނާނެއް ވެސްމެ އެވެ.
ވަރުން އަތުގައި މިހާރު ވެސް ތިން ފިލްމެއް ވާއިރު އެ ފިލްމުތަކަކީ ތްރިލާ ފިލްމު "އޮކްޓޯބާ" އާއި ބަތަލާ އަނުޝްކާ ޝަރްމާއާ އެކު އޭނާ ކުޅޭ އެންމެ ފުރަތަމަ ފިލްމު، "ސުއި ދާގާ" އާއި ވަރުން އެންމެ ގިނަ ފިލްމުތައް ކުޅެފައިވާ ބަތަލާ އާލިއާ ބަޓް އާ އެކު ކުޅޭ "ޝިއްދަތް" އެވެ.