31 Jul 2011, 14:10
ވ. ފުލިދޫ ރަށުކައުންސިލްގެ އިދާރާ ބަންދުކޮށްފައި ހުންނަތާ ތިން ދުވަސް ފަހުން ފުލުހުން މެދުވެރިވެގެން އެ އިދާރަ ހުޅުވައިފި އެވެ. ފުލިދޫ ރަށު ކައުންސިލްގެ ރައީސް ހުސްރީ މޫސާ މިއަދު ވިދާޅުވީ ފުލުހުން ގޮސް ރަށު ކައުންސިލްގެ އިދާރާ މިއަދު ހުޅުވި ނަމަވެސް އެ އިދާރާގެ ސިވިލްސާވިސް މުވައްޒަފުން ހާޒިރު ނުވާތީ އެއްވެސް މަސައްކަތެއް އަދި ކުރިއަށް ނުދާ ކަމަށެވެ.
ކައުންސިލުން ބުނީ ފުލުހުންގެ އެހީގައި އިދާރާ މިއަދު ހުޅުވީ އިދާރާއަށް ކައުންސިލަރު ވަދެވަޑައިގަތަ ނުދީ، ރަށުގެ 13 މީހަކު އެމީހުންގެ އަނބިދަރިން ރަށު ކައުންސިލްގެ އިދާރާގެ ދޮރުމަތީގައި ތިބެ، ހުރަސް އެޅުމުން ކަމަށެވެ.
ހުސްރީ ވިދާޅުވީ ކައުންސިލް އިދާރާ ބަންދު ކުރުމުގެ މައްސަލަ ފުރަތަމަ ދިމާވީ މިދިޔަ އާދީ ދުވަހު ކަމަށެވެ. އަދި އޭގެ ފަހުން ވެސް މައްސަލަ އުފެދި، ތިން ދުވަސް ވަންދެން ކައުންސިލްގެ އިދާރާގެ ދޮރުމަތީގައި ޖޯލިފަތި ބަހައްޓައި އިދާރާ ބަންދުކޮށްފައި ބެހެއްޓި ކަމަށެވެ. ފުލުހުން މިއަދު ކައުންސިލްގެ އިދާރާ ހުޅުވި އިރު އެއްވެސް ހަމަ ނުޖެހުމެއް ހިނގާފައި ނުވާކަމަށް ވެސް ހުސްރީ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ކައުންސިލް އިދާރާ ބަންދު ކުރުމުގެ މައްސަލަ އުފެދުނީ ރަށު ކައުންސިލް އިދާރާގެ ޒިންމާދާރު އިސްވެރިޔާ ކައުންސިލް އިދާރާގެ މަސައްކަތް ހުއްޓުވައިލަން މަސައްކަތް ކުރެއްވުމުން ކަމަށެވެ. އެގޮތުން ރަށުކައުންސިލް އިދާރާގެ ސިވިލްސާވިސް މުވައްޒަފުން ގަވައިދާ ހިލާފަށް އޮފީހުން ބޭރަށް ފޮނުވުން ފަދަ ކަންތައްތައް ޒިންމާދާރު އިސްވެރިޔާ ކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.