މުހައްމަދު ސަލާހުގެ ލަނޑުން ކޮންގޯގެ މައްޗަށް ކުރި ހޯދައި އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވެއްޖެ އެވެ.

ރޭގެ މެޗު މިސްރުން ކާމިޔާބު ކޮށްފައި ވަނީ 1-2 ގެ ނަތީޖާއަކުންނެވެ. ބާކީ އެއް މެޗު އޮއްވައި މިސްރު ވޯލްޑްކަޕަށް ކޮލިފައިވީ ގްރޫޕް އީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މިސްރަށް ވަނީ ފަސް މެޗުން 12 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗުގައި މިސްރުން ޖެހި ދެ ލަނޑު ވެސް ކާމިޔާބުކޮށް ދީފައި ވަނީ ސަލާހު އެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓްގައި ސަލާހު ވަނީ މިސްރަށް ލީޑު ނަގައިދީފަ އެވެ.

މެޗުގެ 87 ވަނަ މިނެޓްގައި ކޮންގޯ އިން ނަތީޖާ އެއްވަރުކުރި ނަމަވެސް މެޗުގެ ފަހު މިނެޓްގައި ސަލާހު ވަނީ މިސްރުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ވޯލްޑް ކަޕުން ޖާގައެއް ކަށަވަރުކޮށްދީފަ އެވެ.

މިއީ 1990 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕަށް މިސްރު ކޮލިފައިވި ފުރަތަމަ ފަހަރެވެ.

މިސްރަކީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި އެފްރިކާގެ ދެވަނަ ގައުމެވެ. މީގެ ކުރިން އެފްރިކާ އިން ވޯލްޑް ކަޕަށް ކޮލިފައިވީ ނައިޖީރިޔާ އެވެ. އެފްރިކާ އިން އަދި އިތުރު ތިން ޓީމެއް ވޯލްޑް ކަޕަށް ކޮލިފައިވާނެ އެވެ. އެ ޖާގަތައް ކަށަވަރުވާނީ އަންނަ މަހު ކުޅޭ ކޮލިފިކޭޝަންގެ މެޗުތަކަށް ފަހު އެވެ.