ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ރާޖްކުމާރު ހިރާނީ ޑައިރެކްޓުކޮށް އުފައްދާ ފިލްމަށް ކިޔަނީ "ސަންޖޫ" ކަމަށް ބޭރުގެ ހަބަރުތައް ބުނެފި އެވެ.

"ސަންޖޫ" އަކީ ސަންޖޭ ދަތުގެ އާއިލާ މެމްބަރުންނާ ގާތް އެކުވެރިން އޭނާ އަށް ލޯބިން މުހާތަބުކުރާ ނަމެވެ.

ފިލްމުގެ ޝޫޓިން މިހާރު ގާތްގަނޑަކަށް ނިމިފައިވާ އިރު ފިލްމު އުފައްދާ ފޮކްސް ސްޓާ ސްޓޫޑިއޯޒް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަންޖޭ ދަތުގެ ބަޔޮޕިކް ރިލީޒް ކުރާނީ އަންނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

ސަންޖޭ ދަތުގެ ހަޔާތުގެ މުހިންމު ތިން ދުވަސްވަރެއްގެ ކަންތައްތަކެއް ފެނިގެންދާ މި ފިލްމުގައި އޭނާގެ ރޯލުން ފެނިގެންދާނީ ޒުވާން އެކްޓަރު ރަންބީރު ކަޕޫރެވެ.

ފިލްމުގައި ފެނިގެންދާނީ ނުވަ ދިހައިގެ ކުރީކޮޅު ސަންޖޭ ތަރިއެއްގެ ގޮތުގައި ވިދާލި ގޮތާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލައިގެން ދިޔަ ދިޔުމުގެ އިތުރުން އަތުގައި މަނާ ހަތިޔާރެއް ބާއްވައިގެން އޭނާގެ ހައްޔަރުކުރި ދުވަސްވަރުގެ މައްޗަށެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، ސަންޖޭގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ސަންޖޭގެ ފިލްމުގައި ސަންޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާއިންގެ ވާހަކަ މި ފިލްމުގައި ފެނިގެންދާނެ އެވެ. އެ މަންޒަރުތައް ވަނީ ބަތަލާ ސޯނަމް ކަޕޫރާއި އަނުޝްކާ ޝަރްމާ އަދި ޓީވީ ތަރި ކަރިޝްމާ ތަންނާ ކުޅެފަ އެވެ.