ފެން ކުންފުނީގެ ހިއްސާ ބޭރުގެ ބަޔަކަށް ވިއްކާލައި އެ ކުންފުނިން ލިބޭ ފައިދާތައް ރާއްޖޭން ބޭރަށް ދާ ގޮތައް އެމްޑީޕީގެ ސަރުކާރުން ބަޔަކާ އެކު ހެދި އެއްބަސްވުމުގެ ސަބަބުން ފެނުގެ އަގު ދަށް ކުރަން ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން އެ ކުންފުނީގެ ފެން އުފައްދާ އާ މަރުކަޒު، "އާރްއޯ އެނެކްސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ އެމްޑީޕީ ސަރުކާރުން މާލޭ ފެން ކުންފުނީގެ ހިއްސާއެއް ބޭރުގެ ބަޔަކަށް ވިއްކާލުމުން އޭރު ހީފުޅު ކުރެވުނީ އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަށެވެ.

ނަމަވެސް އެކަން ނިމުނު އިރު އޭގެ ސަބަބުން ރައްޔިތުންނަށްވީ ގެއްލުން ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ފެނުގެ އަގު ކުޑަކުރަން ބޭނުންނަމަ މިހާރު ބޭރުގެ ބައެއްގެ އަތް ދަށަށް ގޮސްފައިވާ ހިއްސާ އަލުން ދިވެހިންގެ އަތްމައްޗަށް ގެންނަން ޖެހޭ ކަމަށާއި އެކަން ކުރެވެން އަންނަނީ 40 މިލިއަން ޑޮލަރު ދައްކައިގެން ކަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގައި ހުރި ރިސޯޓްތަކުގައި ފެން އުފެއްދުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ހިނގަމުންދާއިރު ފެން އުފައްދަން ބޭރުގެ ބަޔަކަށް ހަވާލުކުރަންޖެހޭ ބޭނުމެއް ނުވިސްނޭ ކަމަށެވެ. އަދި ފަހުން ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެ ފެން ކުންފުނީގެ ތެރެއިން ދިމާވެފައި ހުރި ދަތިތައް ބެލި އިރު ވެގެން އުޅޭ ގޮތް ވަރަށް ބޮޑަށް ސާފުވެގެން ދިޔަ ކަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ލިބިފައިވާ މައުލޫމާތު ގޯސް ނޫންކަމުގައިވާނަމަ އޭރު އެމްޑީޕީ ސަރުކާރުން ފެން ކުންފުނީގެ ހިއްސާ ވިއްކާލީ 16 މިލިއަން ޑޮލަރަށް ކަމަށެވެ. ނަމަވެސް 20 އިންސައްތަ ހިއްސާ އަށް އޭރު އަގުކުރެވޭ މިންވަރަކީ 25 މިލިއަން ޑޮލަރު ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ފެނުގެ އަގަކީ ދިވެހި ރުފިޔާއިން އަގުކުރެވޭ އެއްޗަކަށްވާއިރު އޭރު ޑޮލަރުގެ ދަތިކަން އިންތިހާއަށް ހުރި ނަމަވެސް ފެނުން ލިބޭ ފައިސާކޮޅު ވެސް ބޭރު ގައުމަކަށް ދިޔުމަކީ ލިބުނު ގެއްލުމެއް ކަަމަށެވެ.

"ފެނަކީ ރުފިޔާއިން ފައިސާ ލިބޭ އެއްޗެއް. ބޭރު ބަޔަކަށް ހިއްސާ ދީފައި މީގެ ފައިސާ ބޭރުގެ ބަޔަކަށް ދީފި ކަމަށް ވެއްޖެއްޔާ އެނގި ވަޑައިގަންނަވާޏެ އެމްޑީޕީ ސަރުކާރުގައި ޑޮލަރުގެ ތާށިކަން ހުރިވަރު. އެއްވެސް ބެލުމެއް ނެތި،" ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކަން މިހެން ހުރުމުގެ ސަބަބަބުން ކިތަންމެ ބޮޑު އަދަދަކުން ޕްރޮޑަކްޝަން އައި ކަމުގައި ވީ ނަމަވެސް ފެނުގެ އަގު ދަށް ކުރެވެން ނެތް ކަމަށެވެ.

"އައިއާރްއާރް ރިޓާން ރޭޓުން އެބަޖެހޭ 12 ޕަސަންޓްގަ މެއިންޓެއިން ކުރަން. އެހެންވީމަ ކިތަންމެ ހައި ވޮލިޔުމް އަކުން ޕްރޮޑަކްޝަން އައިކަމުގައިވިޔަސް އަޅުގަނޑުމެންނަށް ރައްޔިތުންނަށްދޭ ފެނުގެ ހިދުމަތުގެ އަގު ކުޑަ ކުރެވޭ ކަށް ނެތް އެމްޑީޕީ ސަރުކާރުން އޭރު ހަދާފައި އޮތް ކޮންޓްރެކްޓްގެ ސަބަބުން،" ޒަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެން ކުންފުނީގެ ހިއްސާ ވިއްކާލުން ފިޔަވާ އިތުރު އެއްވެސް ކަމެއް ރާއްޖޭގެ ފެން ކުންފުނީގެ ތަރައްގީއަށް އެމްޑީޕީ ސަރުކާރުން ކޮށްފައި ނުވާ ކަމަށާއި އަދި އެ ކޮންޓްރެކްޓްގެ ސަބަބުން ދިވެހި ސަރުކާރަށް އުނދަގޫތަކާއި ކުރިމަތިވަމުންދާ ކަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ފެނުގެ އަގު ދަށް ކުރާނަމަ އެކަން ކުރަން ޖެހޭނީ މިހާރު ބޭރުގެ ބަޔަކަށް ވިއްކާލާފައި އޮތް ހިއްސާ އަލުން ދިވހިންގެ އަތް މައްޗަށް އައިސްގެން ކަމަށާއި ސަރުކާރުން އެކަން ކުރަމުންދާ ކަަމަށެވެ.