31 Jul 2011, 13:49
ރޯދައަށް ހާއްސަ ކޮށްގެން އެސްޓިއޯއިން ގެނައި ބައެއް އާންމު ކާބޯތަކެތީގެ ކޮންޓްރޯލް މުޅިންހެން ދޫކޮށްލައިފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިއަދު ވިދާޅުވީ އެ ކުންފުނިން ވިއްކާ އަލުވީގެ ކޮންޓްރޯލް މިއަދުން ފެށިގެން ދޫކޮށްލާފައިވާ ކަމަށެވެ. ކުރިން މީހަކަށް ފިޔާ ބަސްތާއެއް އަދި ބިސް ކޭހެއް އެސްޓީއޯއިން ވިއްކަމުން އައިނަމަވެސް މިއަދުން ފެށިގެން ކޮންމެ މީހަކަށްވެސް ތިން ބަސްތާ ފިޔާ އަދި ތިން ކޭސްބިސް ވިއްކަމުން އަންނަ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"ކޮންޓްރޯލް ދޫކޮށްލުމާއި އެކު މިއަދު ތަންކޮޅެއް ބާރުކުޑަކޮށް މިދަނީ،" ޝާހިދު ވިދާޅުވި އެވެ.
ފިޔާ، ބިސް އަދި އަލުވީގެ ކޮންޓްރޯލް ދޫކޮށްލިނަމަވެސް އަތޮޅުތަކުގައި އެތަކެތީގެ ކޮންޓްރޯލް އަދި ދޫނުކޮށްލާކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ އެއްބަޔަކު މިތަކެތި ނަގައިގެން ވިއްކާކަށް. އެހެންވެ އަޅުގަނޑުމެންނަށް މުޅިން ކޮންޓްރޯލް ދޫނުކޮށްލެވިގެން މި އުޅެނީ،" ޝާހިދު ވިދާޅުވި އެވެ.
ރޯދައިގެ ފުރަތަމަ ދުވަހަށް މާދަން ވާއިރު އެސްޓީއޯއިން ރޭ އަނެއްކާވެސް ވަނީ 5000 ބަސްތާ ފިޔާ، 4000 ކޭސް ބިސް އަދި 250 ބަސްތާ އަލުވިގެނެސްފައި ކަމަށް އެސްޓީއޯއިން ބުންޏެވެ. އަންނަ މަހުގެ ފަސް ވަނަ ދުވަހު ވެސް އެބާވަތްތަކުގެ އިތުރު ޝިޕްމަންޓެއް ރާއްޖެ ގެންނާނެ އެވެ.
އެސްޓީއޯއިން ފިޔާ ބަސްތާއެއް ވިއްކަނީ 250ރ. އަށެވެ. އަދި އަލުވި ބަސްތާއެއް 220ރ. އަށް ވިއްކާއރު ބިސްކޭހެއް ވިއްކަނީ 320ރ. އަށެވެ.