ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަން ތައްޔާރުވެފައިވަނިކޮށް، މަޖިލީހުގެ ތަޅުމުގައި ރިޔާސަތު މޭޒު ވަށައިގެން އުސް ލަކުޑި ފެންސެއް ޖަހައި، އިދާރީ މޭޒު އުސްކޮށް ހަދާފައިވާތަން ފެންނަ ފޮޓޯއެއް އާންމު ވެއްޖެ އެވެ.

އެ ފޮޓޯ އާންމުކޮށްފައި ވަނީ ގަލޮޅު ދެނުކު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފުއެވެ. އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެއީ މާދަމާ މަޖިލީސް ހުޅުވާއިރު ރިޔާސަތު މޭޒުކޮޅު ހުންނަވާނެ ގޮތް ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް އަދި މަޖިލީހުގެ ރައީސްގެ ފަރާތުން ވެސް މިހާތަނަށް އިދާރީ މޭޒަށް އަންނަ ބަދަލާ ގުޅިގެން އެކިއެކި ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަ ތަކަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މަޖިލީހުގެ ޗެމްބަރަށް ބޮޑެތި ބަދަލް ތަކެއް ގެނެސްފައިވާކަން ފެންނަ ފޮޓޯއެއް އާންމުވެފައިވާއިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލައާ ގުޅޭ ގޮތުން ވަނީ މަޖިލީހުގައި އިދިކޮޅިު ފަރާތްތަކުން އިހްތިޖާޖު ކޮށްފަ އެވެ. މަޖިލީސް ޗުއްޓީއަށް ދިޔުމުގެ ކުރިން ބޭއްވި ޖަލްސާތައް ކުރިއަށް ގެންގޮސްފައި ވަނީ ރައީސްގެ މޭޒުކޮޅު ވަށައިގެން ސިފައިން ބައިތިއްބައިގެންނެވެ.

މާދަމާ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފަށާއިރު އެ ޖަލްސާގައި ކުރިއަށް ގެންދިޔުމަށް ތާވަލްކޮށްފައިވަނީ މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދައަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ އިސްލާހު އާންމު ކޮމިޓީން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމެވެ.