ރާއްޖޭގައި އާއްމުވަމުންދާ ކެންސަރު ބައްޔަށް ފަރުވާ ދޭން އިންޑިއާގެ އަމްރީތާ ހޮސްޕިޓަލް (އެއިމްސް) އާއި އާސަންދައާ ގުޅިގެނ ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދޭ އޮންކޮލޮޖީ ސެންޓަރެއް ގާއިމްކޮށް، މިއަދު ހުޅުވައިފިއެވެ.

އެ ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ މިއަދު ހުޅުމާލޭގައި ބޭއްވި ހަފްލާއެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ދިނުމާއި ކެންސަރާ ގުޅުންހުރި ހިދުމަތްތައް ދިނުމަށް ސެންޓަރެއް މިއަދު ހުޅުވުއިރު، ހުޅުމާލޭގައި ކެންސަރަށް ފަރުވާ ފެށުމަށް މީގެ ކުރިން ވެސް އިންޑިއާގެ ހޮސްޕިޓަލަކާއެކު އާސަންދައިން ސޮއިކުރިިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެއްބަސްވުމެއް ގާއިމްކުރީ އިންޑިއާގެ ތިން ވަނައަށް އެންމެ ބޮޑު ސިއްހީ ނެޓްވޯކް އަދި ބެންގަލޫރުގައި ހުންނަ ކެންސަރަށް ފަރުވާ ކުރުމުގައި އެންމެ ވަރުގަދަ އެއް ހޮސްޕިޓަލް، މަނިޕާލް ހޮސްޕިޓަލާއެކު އެވެ.

މަނިޕާލްއާއެކު ގާއިމްކުރި އެއްބަސްވުމުގެ ދަށުން ކެންސަރުގެ ހުރިހާ ފަރުވާއެއް ލިބޭގޮތަށް ދިހަ އެނދުގެ ސެންޓަރެއް ގާއިމްކޮށް މިދިޔަ އަހަރު ހުޅުވަން ނިންމިއެވެ. ނަމަވެސް އެއްބަސްވުމުގައި ޖެހުނު މައްސަލައަކާ ގުޅިގެން ފަހުން އެ އެއްބަސްވުން އާސަންދައިން ބާތިލްކުރި އެވެ.

އާސަންދައާ ގުޅިގެން މިއަދު ހުޅުމާލޭގައި ކެންސަރަށް ފަރުވާދޭ ސެންޓަރެއް ގާއިމްކުރި އަމްރީތާ ހޮސްޕިޓަލަކީ ދުވާލެއްގެ މައްޗަށް 3000 އަށްވުރެ ގިނަ ޕޭޝަންޓުންނަށް ފަރުވާ ދެމުންދާ އިންޑިއާގެ ކޮޗީގައި ހުންނަ ސުޕާ ސްޕެޝަލިޓީ ޓާޝަރީ ކެއާ ހެލްތު ސެންޓަރެކެވެ.

އަދި އެ ހޮސްޕިޓަލުން ދިހަ ވައްތަރެއްގެ ކެންސަރަށް އަށް ވައްތަރެއްގެ ފަރުވާ ދިނުމަށް ޒަމާނީ ވަސީލަތްތައް ގާއިމް ކޮށްފައިވާއިރު ކެންސަރުން ރައްކާތެރިވުމާއި ދެނެގަތުމާއި ފަރުވާ ދިނުމާއި ރިހެބިލިޓޭޝަންގެ އިތުރުން ތަމްރީނާއި ދިރާސާ ވެސް ކުރިއަށްގެންދެއެވެ.

އެ ހޮސްޕިޓަލުން މިއަދު ހުޅުމާލޭގައި ގާއިމްކުރި ކެންސަރަށް ފަރުވާދޭ ސެންޓަރުގައި އެއްފަހަރާ ފަސް ޕޭޝަންޓުންނަށް ފަރުވާ ލިބިގެންދާއިރު ކްރިޓިކަލް އަދި ސައިޑް އިފެކްޓްސް ހުންނަ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ހާއްސަ ކުރެވިފައިވެއެވެ.

އާސަންދަ ކުންފުނީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު އަހުމަދު އަޒީމް ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލްގައި ހުޅުވި ސެންޓަރުގައި އަމްރިތާގެ އޮންކޮލަޖީ ޑޮކްޓަރެއް އަބަދުވެސް ހުންނަވާނެ ކަމަށެވެ. އަދި ކޮންމެހެން ބޭނުންވާ ހިދުމަތަކަށް އަމްރިތާ އާއި ހުޅުމާލެ ހޮސްޕިޓަލް ވީޑިއޯ ކޮންފަރެންސުން ގުޅިފައިވާ ހުންނާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަމްރިތާ ހޮސްޕިޓަލާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޮންކޮލޮޖީ ސެންޓަރަށް ބޭނުންވާ ފަންނީ ސްޓާފުން ވެސް ތަމްރީން ކުރާނެ އެވެ. އެގޮތުން ސެންޓަރުން މާދަމާއިން ފެށިގެން ހިދުމަތްދޭން ފަށާއިރު ތަމްރީން ލިބިފައި ތިއްބަވާ ފަސް ނަރުހުން ހިދުމަތް ދެއްވާނެ ކަމަށް އަޒީމް ވިދާޅުވިއެވެ.

އޮންކޮލޮޖީ ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ، ކެންސަރު ބައްޔަކީ ރާއްޖޭން މީހުން މަރުވާ މައިގަނޑު ތިން ބަލީގެ ތެރެއިން އެއް ބައްޔަށްވާއިރު ރާއްޖޭގައި ހުރެގެން ކެންސަރަށް ފަރުވާ ކުރެވޭނެ ސެންޓަރެއް ގާއިމް ވެގެން ދިއުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިތުރުވި ބޮޅެއް ކަމަށެވެ.

އެގޮތުން މިއަދު ހުޅުވި އޮންކޮލަޖީ ސެންޓަރުން ކެންސަރު ބައްޔަށް ކީމޯތެރަޕީގެ ގޮތުގައި ބޭސް ކުރުމާއި ކެންސަރު ދެނެގަތުމަށް ޓެސްޓް ކުރުމާއި ކެންސަރަށް ކުރާ ފަރުވާގެ މުހިންމު ބަޔަކަށްވާ ދިރިއުޅުމުގެ އާދަތައް ދަސްކޮށް ދިނުން އަދި ކެންސަރަށް މީހުން ހޭލުންތެރި ކުރުން ފަދަ ހިދުމަތްތައް ލިބޭނެ އެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދު ހުޅުވިގެން ދިޔަ ކެންސަރަށް ފަރުވާދޭ ސެންޓަރުގެ ސަބަބުން ކެންސަރު ބަލި އިތުރުވުމަށް ފިޔަވަޅުތަކެއް އެޅި، ސެންޓަރުގެ ހިދުމަތް އިތުރަށް ފުޅާވެ ރާއްޖޭގެ އެކިކަންކޮޅުތަކަށް ހިދުމަތް ލިބިގެންދިއުން ކަމަށެވެ.

އާސަންދައިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެކަނިވެސް 1500 އަށްވުރެ ގިނަ ފަހަރު ކެންސަރަށް ފަރުވާ ހޯދުމަށް ރާއްޖެ އިން ބޭރަށް ގޮސްފައިވެއެވެ.

މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އާސަންދައިގެ ތެރެއިން މިހާތަނަށް 1100 އަށްވުރެ ގިނަ މީހުން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެ އިން ބޭރަށް ވަނީ ގޮސްފައެވެ.