އޭޝިޔާ އަދި ސައުތް އީސްޓް އޭޝިޔާ ސަރަހައްދުގައި ރާއްޖޭގެ އިގުތިސާދީ އަދި އިޖްތިމާއީ ގުޅުން ހަރުދަނާކުރެވޭނެ ގޮތްތަކުގެ މައުލޫމާތު ކޮލަމްބޯ ޕްލޭންގެ އާ ސެކްރެޓަރީ ޖެނެރަލް މައިޒާން އާދަމް މަނިކަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު މައިޒާން އާދަމް މަނިކާ އެކު ބޭއްވި އެބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮލަމްބޯ ޕްލޭންގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އާދަމް މަނިކަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި އޭޝިޔާ އާއި ސައުތް އީސްޓް އޭޝިޔާގެ ސަރަހައްދުގައި، ރާއްޖެގެ އިގުތިސާދީ އަދި އިޖްތިމާއީ ގުޅުން ހަރުދަނާކުރުމަށްޓަކައި ހިންގިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ބައެއް މަޝްރޫއުތަކާ ބެހޭ މައުލޫމާތު ވެސް އެބައްދަލުވުމުގައި ރައީސް ދެއްވި އެވެ.

އެ ބައްދަލުކުރެއްވުމުގައި މައިޒާން އާދަމް މަނިކު ދެއްކެވި ވާހަކަފުޅުގައި، ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ތަރައްގީގެ ރޮނގުން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ކޮލަމްބޯ ޕްލޭންގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.