ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ މިނިސްޓަރުންގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެ އިއްތިހާދުން ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރު އެންވާރަމަންޓް މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ އެއޯސިސްގެ ބައްދަލަވުން މި މަހު 10- 11ގައި ބަނޑޮސް އައިލެންޑް ރިސޯޓުގައި އޮންނާނެ ކަމަށެވެ.

މިއީ ޕެރިސް އެގްރިމަންޓުގެ ފަހުން ރާއްޖޭގައި ބޭއްވޭ އެފަދަ ފުރަތަމަ ބައްދަލުވުން ކަމަށް ތޯރިގު ވިދާޅުވި އެވެ.

"މިއީ ރާއްޖެ އިސްނަގައިގެން ކުރެވޭ ވަރަށް މުހިންމު ބައްދަލުމަކަށް ވެގެންދާނެ. ކުދި ޖަޒީރާ ގައުމުތަކުން އަޅުގަނޑުމެންނަށް ކޮންފާމު ވެފައި އޮތް ގޮތުގައި މިހާރު 17 އަށް ވުރެ ގިނަ މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެ. އަދި އޭގެ އިތުރަށް މިނިސްޓަރުން ވަޑައިނުގަންނަ ތަންތަނުގެ ގައުމުތަކުގެ އެކަމާ ބެހޭ މުހިންމު ވުޒާރާތަކުގެ ބޭފުޅުން ވެސް ވަޑައިގަންނަވާނެ،" ތޯރިގް ވިދާޅުވި އެވެ.

މި ފަހަރު ރާއްޖޭގައި ބާއްވާ ބައްދަލުވުމުގައި ކުދި ޖަޒީރާ ގައުމުތަކުން އިޔާދަކުރެވޭނެ ހަކަތަ އާލާކުރުމަށް ޓަކައި ކުރަން ޖެހޭ ކަންތައްތައްކޮށް ފައިސާ ހޯދުމާއި އިންޕްލިމެންޓޭޝަންގައި ކުރަން ޖެހޭ އިންޕްލިމެންޓް ކުރެވޭނެ އެންމެ މުހިންމު ކަންތައްތައްތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި ޑޯނަރުންނާ އެކު ވާހަކަ ދެއްކުން ހިމެނޭ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.

އޭގެ އިތުރުން ދާދި ފަހުން ކެރީބިއަން ގައުމުތަކަށް އެރި ތޫފާންތަކުގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ފަދަ ތޫފާންތަކުގައި ހާލުގައި ޖެހޭ މީހުންނަށް އަވަސް ގޮތެއްގައި އެހީ ފޯރުކޮށްދިނުމާއި އަދި އެމީހުން ކުރިން ކުރަމުން ދިޔަ މަސައްކަތްތަކަށް އަލުން ރުޖޫއަވެވޭނެ ގޮތްތަކާ ބޭހޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.