08 Oct 2017, 15:07
ިޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދަންޖެހޭ ގާނޫނު ހަދާފައި ނެތުމުން ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، ފާރިސް މައުމޫންގެ ވަކީލު ވިދާޅުވުމުން، ފާރިސްގެ ޝަރީއަތް ކުރިއަށް ގެންދިއުމާ މެދު ސުޕްރީމް ކޯޓުގެ ލަފާއަކަށް އެދިވަޑައިގަންނަވާނެ ކަމަށް ގާޒީ އިބްރާހިމް އަލީ ވިދާޅުވެއްޖެ އެވެ.
ފާރިސްގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާގެ އަޑުއެހުމުގައި، ފާރިސްގެ ވަކީލު މައުމޫން ހަމީދު ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވައިފަ އެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދަށުން ސުޕްރީމް ކޯޓުން ހަދަން ޖެހޭ ގަވާއިދުތައް ހަދާފައިނުވާ އިރު، އެ ޝަރީއަތް ކުރިއަށް ގެންދަނީ ކޮން ހަމައަކުން ކަމާ މެދު އޭނާ ސުވާލު އުފެއްދި އެވެ.
އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މަތީކޯޓުގެ ލަފައެއް ހޯދުމަށް މިއަދު ސުޕްރީމް ކޯޓުގައި އެދޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ޝަރީއަތް މަޑުޖައްސާލުމަށް އެދިއްޖެ ނަމަ ޝަރީއަތް މަޑުޖައްސާލާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ފާރިސްގެ މައްޗަށް ކުރާ ދައުވާ އިއްވައިފަ އެވެ. ނަމަވެސް ދައުވާއަށް ފާރިސްގެ ފަރާތުން މިއަދު ޖަވާބުދާރީވެފައެއް ނުވެ އެވެ.
ޝަޚްސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް ދައުލަތުން އުފުލީ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލްގެ ހުއްދަ ނެތި ޕާޓީގެ ލޯގޯ އާއި ދިދަ އޭނާ ބޭނުންކުރެއްވި ކަމަށް ބުނެ އެވެ.
ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ، ދިފާއު ހުށަހެޅުމަށް ބޭނުންވާ މައުލޫމާތު އަދިވެސް ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އެހެން ކަމުން ފާރިސްގެ ހައްގުތައް ގެއްލިގެން ދާ ކަމުގައި މައުމޫން ވިދާޅުވި އެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ ސީޑީ ހަވާލުކޮށްފައިވީ ނަމަވެސް މިހާތަނަށް އެ ސީޑީ ބެލޭނެ އިންތިޒާމު ހަމަޖައްސައިދީފައި ނުވާ ކަމުގައި އޭނާ ވިދާޅުވި އެވެ.
ދައުލަތުން ވެސް ވަނީ އެ ސީޑީ ފާރިސް އަށް ދައްކާފައި ނުވާ ކަމަށް އިއުތިރާފުވެ ވަޑައިގެންފަ އެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ، ވީޑިއޯ ސީޑީ ދެއްކޭނެ އިންތިޒާމެއް ކަރެކްޝަންސް އިން ހަމަޖެހިފައި ނުވުމުން އެ ވީޑިއޯ ފާރިސް އަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި އެ ވީޑިއޯ ބެލުމުގެ ފުރުސަތު ފާރިސްއަށް ލިބެން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، ކޯޓުން އެ ވީޑިއޯ ސީޑީ ބެލޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި، ފާރިސް ބަންދުން ދޫކޮށްލުމަށް ފާރިސްގެ ފަރާތުން އެދިލެއްވި އެވެ. އޭގެ އިތުރުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފާރިސް ހާޒިރުކޮށްދިނުމަށް މަޖިލީހަށާއި، ކަރެކްޝަނަލް ސާވިސް އަށް އަމުރުކޮށްދިނުމަށް ފާރިސްގެ ފަރާތުން އެދިލެއްވި އެވެ. އެހެން ނަމަވެސް ގާޒީ ވިދާޅުވީ، ފާރިސް ބަންދުކޮށްފައި ވަނީ، ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާ އާ ގުޅިގެން ނޫން ކަމަށެވެ. އެހެން ކަމުން އެ އަމުރު ނެރެދެވެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މިމަހުގެ 22 ވަނަ ދުވަހު އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެން ނަމަވެސް މަތީ ކޯޓުން ޝަރީއަތް މަޑުޖައްސާލުމަށް އެދިއްޖެ ނަމަ އެ އަޑުއެހުން ލަސްވެދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.