އައްޑޫ ސިޓީގެ ޒުވާނުންނަށް ޚައްސަކޮށްގެން،ހޭންޑް މޭޑް ބައި އީމް ނިޒާމްގެ ފަރާތުން އެ ސިޓީގައި ބޭއްވި، މޭކަޕް ކުރަން ދަސްކޮށްދޭ ހަރަކާތުން ލިބުނު ފައިދާ އައްޑޫގައި އަންނަ މަހު ބާއްވާ ޔޫތު ކޭމްޕަށް ހަދިޔާކޮށްފިއެވެ.

ހޭންޑް މޭޑް ބައި އީން ނިޒާމްގެ ފަރާތުން،ގްރޭންޑް އެމްޕްރެސްއާއިބްރިލިއަންޓް އެސް ޓްރޭޑިންއާ ގުޅިގެން އިންތިޒާމްކުރި "މޭކަޕް އެންޑް ހެއަރސްޓައިލް" އިވެންޓަކީ، އައްޑޫ ސިޓީގެ ޒުވާން އަންހެން ކުދީންނަށް ޚާއްސަކޮށްގެން ބޭއްވި އިވެންޓެކެވެ.

އީމް އަކީ މިފަދަ ޗެރިޓީ ހަރަކާތްތަކަށް ވަރަށް ބޮޑަށް ލޯބިކުރާ ޒުވާނެކެވެ. އެގޮތުން، އަންނަ މަހު އައްޑޫ ސިޓީގައި ބާއްވާ ޔޫތު ކޭމްޕަށް ހައިރާތު ކުރާން ހަމަޖެހިފައިވާ ފައިސާ، އެ ހަރަކާތް އިންތިޒާމްކުރާމޯލްޑިވްސް ރެޑްކްރެސެންޓްއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް އީމް ބުންޏެވެ.

"މި އިވެންޓް ބޭއްވުމުގެ މައިގަނޑު މަގުޞަދަކީ، މިކަމުން ލިބޭ ފައިދާ ހަދިޔާކުރުން. މި އިވެންޓް ވަރަށް ކާމިޔާބު. އީމް ގަބޫކުލު ކުރާ ގޮތުގައި އައްޑޫ ސިޓީގެ އަންހެން ކުދީންނަށް މިފަދަ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވޭ،" މިފަދަ އެހީތެރިކަން ފޯރުކޮށްދެވޭތީ ވަރަށް އުފާވާކަން ފާހަގަކުރަމުން އީމް ބުންޏެވެ.

ހޭންޑް މޭޑް ބައި އީމް ނިޒާމްގެ ފަރާތުން އައްޑޫ ސިޓީގައި ބޭއްވި، މޭކަޕް އިވެންޓުގެ ބައިވެރިއަކާއެކު އީމް -- ސަން ފޮޓޯ

ރާއްޖޭގެ ކުޅަދާނަ ޒުވާން ލަވަކިޔުންތެރިޔާ އަދި އުންމީދި މޮޑެލް ބުނީ، ކަނޑައެޅިފައިވާ ވަކި އަދަދަކަށް، އައްޑޫ ސިޓީގެ ޒުވާން އަންހެން ކުދީން ބައިވެރިކޮށްގެން ބޭއްވި މޭކަޕް އިވެންޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ.

އައްޑޫ ސިޓީގެ ޒުވާނުން މޭކަޕް ކުރުންފަދަ ކަންކަން ދަސްކުރާން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެ ކުދީންނަށް މިފަދަ ފުރުސަތުތައް ގިނަގިނައިން ލިބުމަކީ، އީމްގެ ވަރަށް ބޮޑު އެދުމެއްކަމަށްވެސް އޭނާ ބުންޏެވެ.

"މި އިވެންޓް ތެރޭގައި އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ، އައްޑޫ ސިޓީގެ ކުދީން މޭކަޕް ފަދަ ކަންކަން ދަސްކުރާން ބޭނުންވެފައި ތިބި މިންވަރު. ވަރަށް ގިނަ ކުދީން ތިބީ މިފަދަ ފުރުސަތަކަށް އެދިއެދި،" މުސްތަގުބަލުގައި ވެސް މިފަދަ ހަރަކާތްތަކެއް އައްޑޫ ސިޓީގައި ބޭއްވުމުގެ އުންމީދުގައި ހުރި އީމް ބުންޏެވެ.

"އަޅުގަނޑު އެދެނީ ވީހާވެސް ގިނަ ފަރާތްތަކުން، އައްޑޫ ސިޓީގައި މިފަދަ ހަރަކާތްތައް ގިނަގިނައިން ބާއްވައި އެކުދީންނަށް މިފަދަ ފުރުސަތުތައް ތަނަވަސްކޮށްދިނުން."

"މިފަދަ ޗެރިޓީ ކަމެއްގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް ރެޑްކްރެސެންޓްގެ ފަރާތުން އަޅުގަނޑަށް ދެއްވީތީ، މި ފުރުސަތުގައި އަޅުގަނޑު ބޭނުން ޝަފްނާއަށް ޝުކުރު ދަންނަވަން."

"ހޭންޑް މޭޑް ބައި އީމް ނިޒާމް" އަކީ މޭކަޕްގެ އިތުރުން ވެސް ތަފާތު އުފެއްދުންތައް ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާއަށް ތައާރަފްކުރަމުން އަންނަ ސައްތައިން ސައްތަ ދިވެހި ބްރޭންޑެކެވެ. އެގޮތުން މީގެ މަހެއްހާ ދުވަސްކުރީން އީމް ވަނީ، ފުރަތަމަ ފަހަރަށް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފައެވެ.

މީގެ އިތުރުން ވެސް "ހޭންޑް މޭޑް ބައި އީމް ނިޒާމް"ގެ އުފެއްދުންތަކަކީ ރާއްޖެއަންނަ ފަތުރުވެރީންގެ މެދުގައި ވެސް ވަރަށް މަގުބޫލު އުފެއްދުންތަކެކެވެ. އެގޮތުން ދިވެހި ސަގާފަތާއި ރަހަތަށް އެކުލެވޭގޮތަށް، ރިސޯޓް މާކެޓަށް ޚާއްސަކޮށްގެން އީމް ތައްޔާރުކުރާ "ބީޗްވެއަރ ކަލެކްޝަން" ފާހަގަކޮށްލެވެއެވެ.