08 Oct 2017, 14:52
މޯބައިލް ފޯނު މެދުވެރިކޮށް ވިޔަފާރިއާ ފައިސާގެ މުއާމަލާތްތައް ކުރުމަށް އިލެކްޓްރޯނިކް ވޮލެޓް "ދިރާގު ޕޭ" މިއަދު ތައާރަފް ކޮށްފިއެވެ.
މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި "ދިރާގު ޕޭ" އިފްތިތާހް ކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުން އަބަދުވެސް އަންނަނީ އާންމުންނަށް ފަސޭހަކަމާއެކު ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން މިއަދު ދިރާގުން އިފްތިތާހު ކުރި ހިދުމަތަކީ ފައިސާ ގެންގުޅުން ހުއްޓުވައި ފައިސާއާ ނުލައި މުއާމަލާތްތަށް ފަސޭހަކަމާއެކު ކުރެވިގެންދާނެ ހިދުމަތެއް ކަމަށް ސީއީއޯ ވިދާޅުވިއެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ރަޝީދު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސީއީއޯ އިސްމާއީލް ވިދާޅުވީ، އަލަށް ތައާރަފް ކުރި ހިދުމަތާއެކު މޯބައިލް ފޯނު ބޭނުންކޮށް ފައިސާގެ މުއާމަލާތްތަށް ކުރެވޭނެ ކަމަށެވެ. އަދި ގިނަ ރަށްރަށަކީ ބޭންކް ތަކުގެ ހިތުމަތް ލިބެން ހުންނަ ރަށް ރަށަށް ނުވިކަމުގައިވިޔަސް އެ ހިދުމަތް ބޭނުންކޮށް، ކޮންމެ ފޯނަކުންވެސް ފައިސާގެ މުއާމަލާތްތައް ކުރެވޭނެކަމަށް ސީއީއޯ ވިދާޅުވިއެވެ.
ރާއްޖޭގެ މޯބައިލްގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ބޮޑުބައެއް ހިއްސާ ކުރަނީ ދިރާގުގެ ކަސްޓަމަރުން ކަމަށާއި އެ ހިދުމަތުގެ ސަބަބުން "ކޭޝް ލެސް" މުޖުތަމައަކަށް ރާއްޖެ ހެދުމަށްޓަކައި ދިރާގުގެ ހިއްސާ ބޮޑުވެގެންދާނެކަމަށްވެސް ދިރާގުގެ ސީއީއޯ ވިދާޅު ވިއެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އަދި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ރަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ، އެންމެ ފަހުގެ ޓެކްނޮލޮޖީގެ ހިދުމަތް ބޭނުން ކުރުމަށް އެންމެ ތަރައްގީ ގައުމަށް ވާން ނުޖެހޭ ކަމަށާއި މި ރާއްޖޭގައިވެސް އެ ހިދުމަތްތަށް ބޭނުން ކުރުމުގެ ގާބިލްކަށް އެބަހުރި ކަމަށެވެ. އަދި ދިރާގުން ތައާރަފް ކުރި އެ ހިދުމަތަކީ، މަރުކަޒީ ބޭންކް އަދި އިސްލާމިކް ބޭންކާ ގުޅިގެން ތައާރަފް ކުރި ވަރަށް މުހިއްމު ހިދުމަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ހިދުމަތުގެ ސަބަބުން އޮންލައިން ޕޭމަންޓް އަދި މޯބައިލް މަނީ ބޭނުން ކުރުން އިތުރުވެގެންދާނެކަމަށާއި ކުރިއަށް އޮތް ތާގައި ރާއްޖޭގައި ދައުރުވާ ފައިސާގެ މިންވަރު އެފަދަ ހިދުމަތްތަކުގެ ސަބަބުން މަދުކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދިރާގު ޕޭ އާ ގުޅޭގޮތުން މައުލުމާތުދެއްވަމުން ދިރާގުގެ ބިޒްނަސް ޑެވެލޮޕްމެންޓްގެ މެނޭޖަރު އަހުމަދު މައުމޫން ވިދާޅުވީ، މިޒަމާނަކީ ހުރިހާ އެންމެންވެސް މޯބައިލް ފޯނަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދުވަސްވަރެއް ކަމަށާއި ދިރާގު ޕޭގެ ހިދުމަތް ބޭނުންކޮށް ފައިސާ ފޮނުވުމާއި، ފައިސާ ދެއްކުމުގައި ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެކަމަށެވެ. އަދި ކޮންމެ ވައްތަރެއްގެވެސް ފޯނަކުން އެ ހިދުމަތް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުގެ ބިޒްނަސް ޑެވެލޮޕްމެންޓްގެ މެނޭޖަރު އަހުމަދު މައުމޫން ދިރާގު ޕޭ އާ ގުޅޭގޮތުން މައުލުމާތުދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ހިދުމަތް ހޯދުމަށްޓަކައި *777# ޖަހައިގެން ކުރިއަށް ދެވޭނެއެވެ. ނުވަތަ ދިރާގު ޕޭގެ އެޕްލިކޭޝަން މެދުވެރިކޮށް ވެސް އެ ހިދުމަތަށް ރަޖިސްޓާކޮށްގެން ބޭނުން ކުރެވޭނެއެވެ. އޭގެ އިތުރުން އެންއެފްސީ ސްޓިކާ ބޭނުން ކޮށްގެން ކޮންމެ ފަރާތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު ލިބުމުގެ އިތުރުން ކިއުއާރްކޯޑް މެދުވެރިކޮށް ވެސް އެ ހިދުމަތް ބޭނުން ކުރުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފައެވެ.
މޯބައިލް ފޯނު މެދުވެރިކޮށް ރެޖިސްޓަރކުރާ ފަރާތްތަކަށް 5000 ރުފިޔާ އާއި ހަމައަށް ބޭނުން ކުރެވޭނެކަމަށާއި، ދިރާގަށް ގޮސް ރެޖިސްޓާ ކުރާ ފަރާތްތަކަށް 20000 ރުފިޔާއާ ހަމަޔަށް ބޭނުން ކުރެވޭނެކަމަށް ދިރާގުން ބުންޏެވެ.