08 Oct 2017, 12:50
ސައޮ ޕައުލޯ (އޮކްޓޯބަރު 8): ބްރެޒިލްގެ ދެކުނުގައި އޮންނަ ސްޓޭޓުތައް އެގައުމުން ވަކިވެ، މިނިވަން ދައުލަތެއް ގާއިމު ކުރުމާ ބެހޭ ގޮތުން ނުރަސްމީ ވޯޓެއް ނަގަން ނިންމައިފި އެވެ.
ސްޕެއިންގެ ކެޓަލޯނިއާގެ މިނިވަންކަމަށް ފެންނަ ނުފެންނަ ވޯޓެއް ނެގި ފަހުން ބްރެޒިލްގައި އެފަދަ ވޯޓެއް ނަަގަން ނިންމީ އެގައުމުން ވަކިވެގަތުމަށް ކެމްޕެއިން ކުރާ ގުރޫޕެއް ކަމަށްވާ، 'ދެކުނަކީ މަގޭ ގައުމު' ކިޔާ ގުރޫޕަކުންނެވެ.
އެގުރޫޕުން ވަނީ ތިން ސްޓޭޓެއްގެ 1،000 އަށް ވުރެ ގިނަ މުނިސިޕަލްޓީތަކުގައި ވޯޓު ފޮށިތައް ބަހައްޓައި، ވޯޓުގައި ތިން މިލިއަން މީހުން ބައިވެރިވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ.
އެވޯޓުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިނިވަން ކަމަށް ވޯޓު ދިނީ ބޮޑު ކޮރަޕްޝަނުގެ މައްސަލައެއްގައި ގިނަ އަދަދެއްގެ ސަރުކާރުގެ އިސް ފަރާތްތަކާއި ވިޔަފާރިވެރިންގެ މައްޗަށް ދައުވާކޮށް ޖަލަށް ލާފައިވުމުން، ގައުމުގެ ސަރުކާރާ މެދު އުއްމީދު ކެނޑުމުންނެވެ.
ބްރެޒިލްގެ ދައުލަތުގެ ތެޔޮ ކުންފުނި ޕެޓްރޯބްރާސްގެ ކޮރަޕްޝަނުގެ މައްސަލައެއްގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ އިސް ފަރާތްތަކުގެ ތެރޭގައި އެގައުމުގެ ކުރީގެ ދެ ރައީސުން ކަމަށްވާ ލޫލާ ޑި ސިލްވާ އާއި ޑިލްމާ ރޫސެފް ހިމެނެ އެވެ.
މީގެ ކުރިންވެސް ބްރެޒިލްގެ ދެކުނުގައި އެފަަދަ ވޯޓެއް ނަގާފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓެއްގައި 617،500 މީހުން ބައިވެރިވި އިރު، އޭގެ ތެރެއިން 95 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓު ދިނީ މިނިވަންވުމަށެވެ.
ބްރެޒިލްގައި އެފަދަ ވޯޓެއް ނެގި ނަމަވެސް އެސްޓޭޓުތައް މިނިވަންވުމަކީ އެގައުމުގެ ގާނޫނު އަސާސީން މަނާ ކުރާ ކަމެއް ކަމުން، އެވޯޓުގެ ނަތީޖާ ސަރުކާރުން ބަލައިނުގަންނާނެ އެވެ. ނަމަވެސް އެއީ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުން ހުއްޓުވުމަށާއި، ގައުމު ވެއްޓިފައިވާ އިގުތިސާދީ އަނދަވަޅުން ސަލާމަތް ކުރުމަށް ސަރުކާރުން ނުކުޅެދިފައި ވުމުން ރައްޔިތުން ހިތްހަމަނުޖެހިފައިވާ މިންވަރު ދައްކުވައިދޭ ވޯޓަކަށް ވެގެންދާނެ އެވެ. (ބީބީސީ)