މާފަރު ގެސްޓް ހައުސު ކައިރީގައި ރޭ ހިންގި މާރާމާރީގައި ޒަހަމްވެ އައިޖީއެމްއެޗަށް ގެންދިޔަ ޒުވާނާ ފަރުވާއަށް ފަހު ދޫކޮށްލައިފި އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް 'ސަން' އަށް ވިދާޅުވީ ރޭގެ މާރާމާރީއާ ގުޅިގެން އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ 29 އަހަރުގެ ފިރިހެނެއް ކަމަށާއި ފަރުވާއަށް ފަހު އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

"އޭނާގެ ބޮލަށް ވަނީ ހަމަލާދީ ޒަހަމްކޮށްލާފައި. ނަމަވެސް އެހާ ސީރިއެސް އެއް ނޫން. ފަރުވާ ދިނުމަށް ފަހު ރޭ ވަނީ ޑިސްޗާޖް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މާލޭގައި އެންމެ ފަހުން ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމް ކޮށްލާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެ މާރާމާރީ ޒަަހަމް ކޮށްލާފައި ވަނީ އުމުރުން 23 އަހަރުގެ ޒުވާނެކެވެ.

ޖީސިކްސްގެ މަތީބައިގާ އިންދާ ދިން އެ ހަމަލާގައި އޭނާގެ ބުރަކަށީގެ ދެތަނަކަށް ފުންކޮށް ތޫނުއެއްޗެއް ހަރާލި އިރު ކަނާތަށް ތޫނުއެއްޗަކުން ހަމަލާދިނެވެ. ނަމަވެސް ޒުވާނާގެ އާއިލާއިން ބުނި ގޮތުގައި، ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދުމަށް ފަހު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.