ބަލްގޭރިއާ ބަލިކޮށް ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ފްރާންސް ޖެހިލައިފި އެވެ.

ބަލްގޭރިއާގައި ކުޅުނު މި މެޗު ފްރާންސް އިން ކާމިޔާބު ކޮށްފައި ވަނީ 0-1ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާ އެކު ފްރާންސް މިހާރު އޮތީ ގްރޫޕް އޭގެ އެއްވަނާގައި 20 ޕޮއިންޓާ އެކު އެވެ. ދެވަނާގައި 19 ޕޮއިންޓާ އެކު އޮތީ ސްވިޑެން އެވެ. ގްރޫޕްގެ ތިންވަނާގައި 16 ޕޮއިންޓާ އެކު އޮތީ ނެދަލޭންޑްސް އެވެ.

އެހެންކަމުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުން މޮޅުވެގެން ފްރާންސް އަށް ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރު ކުރެވޭނެ އެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ފްރާންސް އާއި ބަލްގޭރިއާ ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

މި މެޗުގައި ފްރާންސް އިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ ތިން ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މަޓުއިޑީ އެވެ. މި ގޯލަށް ފަހު ވެސް މި މެޗުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފްރާންސް އަށް ލިބިފައިވެ އެވެ.

މި މެޗުން ފްރާންސް މޮޅުވި އިރު އެޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ އެންގޯލޯ ކަންޓޭ އަށް ރޭގެ މެޗުގައި ވަނީ އަނިޔާވެފަ އެވެ. ކަންޓޭގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އެ އަނިޔާއާ ގުޅިގެން އޭނާ ވަނީ މެޗުގެ 34 ވަނަ މިނެޓްގައި ބަދަލުކޮށްފަ އެވެ.

ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ފްރާންސް އިން ޖެހިލާފައިވާ އިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމު ބައްދަލުކުރާނީ ބެލަރޫސްއާ އެވެ.

ވޯލްޑްކަޕް ކޮލިފިކޭޝަން ގްރޫޕު ބީގައި ޕޯޗުގަލް އާއި އެންޑޯރާ ބައްދަލުކުރި މެޗު ޕޯޗުގަލް އިން ވަނީ 0-2ގެ ނަތީޖާއަކުން ކަމިޔާބުކޮށްފަ އެވެ.

އެންޑޯރާގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މެޗުގެ 63 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް ލީޑު ނަގައިދީފަ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން 79 ވަނަ ގޯލުކަން ފާހަގަކޮށްލެވެ އެވެ. އަދި މިއީ ކޮލިފިކޭޝަންގައި ރޮނާލްޑޯ ކާމިޔާބުކުރި 15 ވަނަ ގޯލެވެ.

ވޯލްޑްކަޕް ކޮލިފައިންގައި އެންޑޯރާ އާއި ޕޯޗުގަލް ބައްދަލު ކުރި މެޗުގެ ތެރެއިން--

ޕޯޗުގަލްގެ ދެވަނަ ލަނޑު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމު ޒުވާން ފޯވާޑް އަންދްރޭ ސިލްވާ އެވެ.

ރޭގެ މޮޅާއެކު ޕޯޗުގަލް އޮތީ 24 ޕޮއިންޓާއެކު ގްރޫޕް ބީގެ ދެވަނައިގަ އެވެ. އެއްވަނާގައި 27 ޕޮއިންޓާ އެކު އޮތީ ސްވިޒަލޭންޑެވެ. ގްރޫޕްގެ ފަހު މެޗުގައި ޕޯޗުގަލް ބައްދަލުކުރާނީ ސްވިޒަލޭންޑާ އެވެ.

އެ މެޗުން ޕޯޗުގަލް މޮޅުވެއްޖެ ނަމަ ޕޮއިންޓުގެ ގޮތުން ސްވިޒަލޭންޑާއި އެއްވަރުވެ ގޯލުގެ ތަފާތުން ޕޯޗުގަލްއަށް ގްރޫޕްގެ އެއްވަނަ ލިބޭނެ އެވެ.