މީގެ ތިން އަހަރު ކުރިން ރަޝިއާ އާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް މިހާތަނަށް 30 ބިލިއަން ޔޫރޯގެ ގެއްލުން ވެފައިވާ ކަމަށް އޮސްޓްރިއަން ޔޫނިއަން އޮފް އިކޮނޮމިކް ރިސާޗު (ވައިފޯ) އިން ދާދި ފަހުން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

މިދިޔަ ހުކުރު ދުވަހު އާންމުކޮށްފައިވާ އެ ދިރާސާ އިން ހާމަވި ގޮތުގައި 2014 ވަނަ ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ފަހުން އީޔޫ އިން ރަޝިއާއަށް ކޮށްފައިވާ އެކްސްޕޯޓް ކޮންމެ އަހަރަކު ވަނީ 15.7 ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިން ރަޝިއާއަކީ އީޔޫގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ އެވެ. ނަމަވެސް މިހާރު ރަޝިއާ ވަނީ ފަސްވަނަ އަށް ވެއްޓިފަ އެވެ. އެއީ އެމެރިކާ، ސުވިޒަލެންޑް ، ޗައިނާ އަދި ތުރުކީ އަށް ވުރެ ވެސް ފަހަތެވެ.

ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިން އީޔޫ އިން ވަނީ ރަޝިއާއަށް 120 ބިލިއަން ޔޫރޯގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ. ނަމަވެސް އެ އަދަދު 2016 ވަނަ އަހަރު ވަނީ 70 ބިލިއަން ޔޫރޯއަށް ވެއްޓިފަ އެވެ.

ވައިފޯގެ ރިސާޗުން ދައްކާ ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީޔޫގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ސައިޕްރަސް އަށެވެ. އެ ގައުމުން ރަޝިއާއަށް ކުރި އެކްސްޕޯޓު 34.5 ޕަސެންޓް ދަށްވި އިރު ގްރީސްގެ އެކްސްޕޯޓް 23.2 ޕަސެންޓް ދަށަށް ދިޔަ އެވެ.

އޭގެ އިތުރުން އޮސްޓްރިއާއަށް ތިން ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު އިރު ޕޮލެންޑް އަދި އިނގިރޭސީ ވިލާތުން ކޮންމެ ގައުމަކަށް އެއް ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނުކަމަށް ވެސް ވައިފޯ އިން ބުންޏެވެ.

އީޔޫއިން ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާއިފައިވަނީ ޔުކްރޭންގެ މައްސަލައިގަ އެވެ. ދެހާސް ސާދަ ވަނަ އަހަރު ރަޝިއާ އިން ވަނީ ޔުކްރޭންގެ ސަރަހައްދެއް ކަމަށްވާ ކްރައިމީއާ ރަޝިއާގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. ރަޝިއާ އާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ވިޔަފާރީގެ ގޮތުންނާއި، ތެލާއި ގޭގައި އަދި ދިފާއީ ގޮތުން އެކި މުއާމަލާތްތައް ކުރުން މަނާ ކުރުން ހިމެނެއެވެ.

މަސްދަރު : އާރުޓީ