ހުޅުމާލޭގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނާގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.

އެ މީހުން ދޫކޮށްލާފައި ވަނީ ކްރިމިނަލް ކޯޓުން ދިން 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަނުވަނީސް އެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ހުކުރު ދުވަހަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އެ ދެ މަރާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ދޫކޮށްލީ ތަހްގީގަށް ބޭނުންވާ ސާމްޕަލާއި މައުލޫމާތު ނެގުމަށްފަހުގައި ކަމަށެވެ.

ސެޕްޓެމްބަރު 28ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނާގެ މަރާގުޅިގެން ހައްޔަރުކުރި އެކަކު ފުލުހުންގެ ވެހިކަލަށް އަރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުފަން ދުވަހުގެ ޕާޓީއެއް ކުރިއަށް ދަނިކޮށް ކުއްލި ގޮތަކަށް މަރުވެފައި ވަނީ ތ. ތިމަރަފުށީ، ފެހުނު، އަހުމަދު ހާމީން، 21، އާއި މާލޭ ދަފްތަރު ފާތުމަތު ސަމާ، 18 އެވެ.

ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ މަރުުވި އަހުމަދު ހާމީން އާ އައިލީ ގޮތުން ގުޅުން އޮންނަ ދެމީހުންނެވެ. ދެން ހައްޔަރުކުރީ އިތުރު ފިރިހެނަކާއި އަންހެނެއްކަން ސަން އަށް ވަނީ ކަށަވަރުވެފަ އެވެ. އޭގެ ތެރޭގައި ސަމާގެ ލޯބިވެރިޔާ ވެސް ހިމެނެ އެވެ.

އެ މައްސަލައާ ގުޅިގެން ހުޅުމާލޭގެ ގެއެއް ބަލައިފާސް ކޮށްފައިވާ އިރު އެތަނުން "ޕާޓީ ޑްރަގްސް" ފެނިފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވި އެވެ.