08 Oct 2017, 10:01
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހއ. ހޯރަފުށިން ކުޑަ ކުއްޖެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހޯރަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ކުޑަކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރު ކުރި ކުއްޖަކީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއްކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުުންހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނުގައި އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކޮށް އެގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސް ކުރިއިރު އެގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 150 ރަބަރު ކޮޅާއި ބްލެޓް ސައިޒުގެ ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.