މާލޭގެ ގެއެއް ބަލައިފާސްކޮށް، ބަނގުރާ ކައްކަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ބަނގުރާ ކެއްކުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު މި މަހުގެ ފަސް ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ މީހެއްގެ އިތުރުން އިންޑިއާ މީހެއްކަމަށާއި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ބަނގުރާ ކައްކަމުން ދިޔަ ގަޑީގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 53 ފުޅިއާއި 5 ލިޓަރުގެ 7 ފުޅީގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ފެނިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ ބިދޭސީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.