07 Oct 2017, 22:02
ހަފްތާއެއް ފަހުން އަނެއްކާ ވެސް މާލޭގައި މާރާމާރީއެއްގައި ހިންގާ ޒުވާނެއްގެ ބޮަލަށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ބުނީ، އެ މާރާމާރީ ހިންގާފައިވަނީ މާފަރު ގެސްޓް ހައުސް ގޯޅި ތެރެއިން ކަމަށާއި މާރާމާރީގައި ޒަހަމްވި މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް 'ސަން' އަށް ވިދާޅުވީ، މިރޭ ހިނގި މާރާމާރީގައި އެ ހޮސްޕިޓަލަށް 29 އަހަރުގެ ފިރިހެނަކު ގެނެސް، އަވަސް ފަރުވާދޭ ކޮޓަރީގައި ފަރުވާ ދެމުންދާ ކަމަށެވެ.
އޭނާގެ ހަށިގަނޑު ބޭރުން ގިނަ ޒަހަމްތަކެއް ލިބިފައި ނެތް ނަމަވެސް ބޮލަށް ކޮންމެ ވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ. ނަމަވެސް މިހާރު ވެސް އޭނާއަށް ފަރުވާ ދެމުން ގެންދާތީ ލިބިފައިވާ ގެއްލުން އެނގޭނީ އިތުރު ޓެސްޓުތަކަކާއި ސްކޭންތަކެއް ހެދިގެން ކަމަށް ވިދާޅުވިއެވެ.

މާލޭގައި މިރޭ މާރާމާރީ ހިންގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ --- ފޮޓޯ/ އިރުތިޝާމް
"ހަމަލާދީފައިވަނީ ތޫނު އެއްޗަކުން ކަމަކަށް ނުބެލެވޭ. ބޭރު ފުށުން ވެސް ޒަހަމްތަކެއް ފެންނާކަށް ނެތް. ނަމަވެސް ބޮލުން ކޮންމެވެސް ވަރަކަށް ލޭ އަންނަމުންދަނީ. ހޭ އެބަހުރި. ނަމަވެސް އެހާ ރަނގަޅެއް ނޫން،" މައުސޫމް ވިދާޅުވިއެވެ.
މާރާމާރީ ހިންގި ސަރަހައްދުގައި ހުރި ބައެއް މީހުންވެސް ބުނި ގޮތުގައި، މާރާމާރީގައި ޒަހަމްވި ޒުވާނާއަށް ހަމަލާދިނީ އޭނާގެ ބޮލަށެވެ.
މާލޭގައި އެންމެ ފަހުން ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމް ކޮށްލާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ މާރާމާރީ ޒަަހަމް ކޮށްލާފައިވަނީ އުމުރުން 23 އަހަރުގެ ޒުވާނެކެވެ.
ޖީސިކްގެ މަތީބައިގާ އިންދާ ދިން އެ ހަމަލާގައި އޭނާގެ ބުރަކަށީގެ ދެތަނަކަށް ފުންކޮށް ތޫނުއެއްޗެއް ހަރާލިއިރު ކަނާތަށް ތޫނުއެއްޗަކުން ހަމަލާދިނެވެ. ނަމަވެސް ޒުވާނާގެ އާއިލާއިން ބުނި ގޮތުގައި، ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދުމަށްފަހު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.