31 Jul 2011, 12:33
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީސީއަށް މި އަހަރުގެ ދެވަނަ ކުއާޓާގައި ވެސް 12.9 މިލިއަން ރުފިޔާގެ ގެއްލުންވެއްޖެ އެވެ.
މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ވެސް ވަނީ 6.42 މިލިއަން ރުފިޔާގެ ގެއްލުމެއްވެފަ އެވެ. އެމްޓީސީން އެންމެ ފަހުން އާންމު ކުރި އެ ކުންފުނީގެ ދެ ވަނަ ކުއާޓާގެ ރިޕޯޓުގައި ވެސް އެ ކުންފުންޏަށްވަނީ ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ވެސް 12.9 މިލިއަން ރުފިޔާގެ ގެއްލުމަކާއި ކުރިމަތިވެފައި ކަމަށް ވަނީ ބުނެފަ އެވެ.
އާންމު ރައްޔިތުންގެ 44.7 ޕަސެންޓް ހިއްސާވާ އެމްޓީސީއަށް ވަނީ މިއަހަރުގެ މިހާތަނަށް 19 މިލިއަން ރުފިޔާއިން ގެއްލުންވެފަ އެވެ. އެއީ ހިއްސާގެ ބާޒާރުގައި 50ރ. މޫނުމަތީ ހިއްސާއަކަށް 77.51ރ ގެއްލުމެކެވެ.
ގިނަ ވިޔަފާރި ތަކެއް ކުރަމުން އަންނަ އެމްޓީސީން ވަނީ މިއަހަރުގެ މިހާތަނަށް 252.5 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފަ އެވެ. މިއީ އެ ކުންފުނިން ބަޖެޓްގައި ލަފާކުރި އަދަދަށްވުރެ 22 ޕަސެންޓު ދަށް އަދަދެކެވެ. ކޮންމެ ތިން މަހަކުން ނެރެމުން އަންނަ އެމްޓީސީގެ ކުއާޓާ ރިޕޯޓުގައި ބުނީ އެ ކުންފުންޏަށް ގެއްލުމާއި ކުރިމަތިލާން ޖެހުނީ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުން އެ ކުންފުނިން އަންދާޒާ ކުރި ވަރާއި ގާތައްވެސް އާމްދަނީ ނުލިބުމެވެ. އެގޮތަށް ދިމާވީ އެ ކުންފުނީގެ ބައެއް މެޝިނަރީތައް ބާވެ، ހަލާކުވެ މަރާމާތު ކުރަން ޖެހިފައިވުމެވެ. އަދި އެމްޓީސީގެ ފެރީގެ ހިދުމަތުންވެސް އެ ކުންފުންޏަށް ބޮޑުގެއްލުމެއް އަންނަނީ ވަމުންނެވެ.
އެމްޓީސީގެ ރައުސްމާލުގައި 281.6 މިލިއަން ރުފިޔާއަށް އަރާއިރު އެ ކުންފުނީގެ ދަރަނި 386 މިލިއަން ރުފިޔާއަށް އަރަ އެވެ.
އެ ކުންފުނީގެ އަހަރީ އާންމު ރިޕޯޓް ކަޑައެޅިފައިވާ ދުވަހަށްވުރެ 13 ދުވަސްލަސްވުމުން އެ ކުންފުނި ވަނީ 6500ރ. އިން ޖޫރިމަނާކޮށްފަ އެވެ. އަދި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާވެސް ވަނީ މުއްދަތެއް ނެތްގޮތުގައި ފަސްކޮށްފަ އެވެ.