ޕްރިޒަން ކްލަބުން އިންތިޒާމްކޮށްގެން ކ. ހިންމަފުށީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްގެންދިޔަ ޕީއާރުސީ ފުޓްބޯޅަ މުބާރާތް، އެވޯޑް ނައިޓާއެކު ނިންމާލައިފިއެވެ.

އެ މުބާރާތުގެ ވަނަވަނައަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް އިނާމު ދިނުމުގެ ގޮތުން ރޭ އައްސޭރި ޖަލުގައި ބޭއްވި އެވޯޑު ނައިޓް ޝަރަފްވެރި ކޮށްދެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު ޝިހާންއެވެ.

އެ މުބާރާތުގެ އެވޯޑު ނައިޓްގައި ޝިހާންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލާއި އައްސޭރި ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އެސްޕީ މުހައްމަދު ޝާހީނާއި މާލެ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އެސްޕީ މޫސާ އަންވަރާއި އޮފެންޑަރ ސާވިސް ޑައިރެކްޓްރޭޓްގެ ހެޑް، އެސްޕީ އިބްރާހިމް މުހައްމަދު ދީދީއާއި މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އޭއެސްޕީ ސަލްމާން ރަޝީދުގެ އިތުރުން ކޮމިޝަންޑް ރޭންކްތަކުގެ އޮފިސަރުންނާއި ގިނަ އަދަދެއްގެ ޕްރިޒަން އޮފިސަރުން ބައިވެރިވިއެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ލީގު ޗެމްޕިއަންކަން ވެސް ހޯދި މާފުށީ ޕްރިޒަން ޓީމެވެ. ރަނަރަޕް ޓީމަކަށް އީއެސްޖީ ހޮވުނުއިރު، ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓީމް އެޗްކިއުއެވެ.

ޕީއާރުސީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މާފުށި ޕްރިޒަން --- ފޮޓޯ/ ކަރެކްޝަންސް

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށާއި އެންމެ މޮޅު ފޯވާޑް އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔަކަށް މާފުށީ ޕްރިޒަންގެ ޖައިލަމް ޖަމީލު ހޮވިފައިވާއިރު، އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ މާފުށީ ޕްރިޒަން ޓީމުގެ އަބްދުﷲ ޝާމިންއެވެ. މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް މާފުށީ ޕްރިޒަން ޓީމުގެ ހަސަން ސުނީނު ހޮވިފައިވާއިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ އައްސޭރި ޕްރިޒަންގެ އިބްރާހީމް ހަލީމެވެ. އަދި އެންމެ މޮޅު މިޑްފީލްޑަރަކަށް އީއެސްޖީގެ އަމްޖަދު އަލީ ހޮވިފައިވާއިރު، ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމު ލިބުނީ ޓީމް އެޗްކިއުގެ މޫސާ ހަސަންފުޅަށެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ މާފުށި ޕްރިޒަން ޓީމުގެ އަހުމަދު ޝާހިނެވެ.

ރޭގެ ހަފްލާގައި މުބާރާތަށް އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ވެސް ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ. އެގޮތުން ރެފްރީ ކޮމެޓީއާއި ޖަޖިން ކޮމެޓީން ކޮށްދިން މަސައްކަތް ފާހަގަކޮށް އެ ފަރާތްތަވެ.ކަށް ވަނީ ޝުކުރު އަދާކޮށްފައެ އޭގެ އިތުރުން ހިންމަފުށީ ކައުންސިލަށާއި ހިންމަފުށީ ސްކޫލުން ވެސް އެ މުބާރާތް ކުރިއަށް ގެންދިއުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާތީ ކައުންސިލާއި ސްކޫލަށް ވެސް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްދީފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މައުލޫމާތު ދޭގޮތުގައި، އެ މުބާރާތަކީ އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކޮށް، ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކޮށް އިތުރުކުރުވައި، ކުޅިވަރުތަކަށް އޮފިސަރުންނާއި މުވައްޒަފުން ޝައުގުވެރި ކުރުވުމާއި، އެމްސީއެސްގައި ތިބި ފުޓްބޯޅަ ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމަށް އެ ކުޅުންތެރިންނަށް ފުރުސަތު ހޯދައި ދިނުމާއި، ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިވާ އޮފިސަރުންނާއި މުވައްޒަފުންނަށް އެ ރޮނގުން ފުރުސަތު ތަނަވަސްކޮށްދީ، ކުރިއަށްދިއުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދިޔަ މުބާރާތެކެވެ.