07 Oct 2017, 20:20
ޖިއްދާ (އަރަބް ނިއުސް): ނަމާދުކޮށް ނިމުނުތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އިމާމުވެ ނަމާދުކުރި އިމާމު މީހާ ނިޔާވެއްޖެއެވެ.
ސައުދީގެ އަބްދުލް ގާދިރް އަރަބް މިސްކިތުގައި މިދިޔަ ބުދަ ދުވަހުގެ އަސްރު ނަމާދު ކުރި އިމާމު ޚާލިދް އަލް ޤުރާޝީ ނިޔާވި މަންޒަރު މިސްކިތުގައި ހުރި ސީސީޓީވީ އަށް އަރާފައިވެއެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، މައްކާގެ އުމްއަލް ޤުރާ ޔުނިވާސިޓީގެ ފެކަލްޓީ މެމްބަރެއްގެ ގޮތުގައި އުޅުއްވާ އެ އިމާމު ނަމާދު ނިންމަވާލެއްވުމަށްފަހު މިސްކިތް ތެރޭގައި މަޑުކޮށްލައިގެން އިންނަވައެވެ.
އަދި އިރުއިރު ކޮޅާ މޫނު މަތީގައި އަތް އެޅުއްވުމަށްފަހު ކުއްލިއަކަށް ވާތް ފަރާތަށް ވެއްޓޭތަން ފެނެއެވެ. ވެއްޓުުމުން ނަމާދަށް ގޮސް ތިބި މީހުން އިމާމު ކައިރިއަށް އެއްވެ، އިމާމު ނަގައިގެން ގެންދާތަން ފެނެއެވެ.
އިމާމު ހާލިދް އަލް ޤުރާޝީ ދަންނަ މީހުން ބުނާ ގޮތުން، އޭނާއަކީ ހިތްހެޔޮ އަދި އަބަދުވެސް ހިނިތުންވެފައި ހުންނަ ބޭފުޅެކެވެ.
ސައުދީގެ މިސްކިތެއްގައި އިމާމަކު މަރުވެފައިވާއިރު، ޖިއްދާގެ މަސްޖިދުލް ސުލައިމާގެ އިމާމު ފަތިސް ނަމާދު ވަގުތު ޖެހެންދެން މިސްކިތުގައި ކިޔަވަން އިންދައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ނިޔާވެފައެވެ.