ކަސްޓަމައިޒް ކުރެވޭ ގޮތަށް ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ޕްލޭނަރ "މަމެން"، ދިރާގުން މިއަދު ތައާރަފް ކޮށްފިއެވެ.

'ދިރާގު ޔޫތު ފެސްޓް 2017'ގެ ނަމުގައި މިއަދު ވިލިމާލޭގައި ކުރިއަށްދިޔަ ވޯޓަރ ސްޕޯޓްސް ކުޅިވަރު އިވެންޓުގެ ތެރެއިން "މަމެން"ގެ ނަމުގައި ތައާރަފްކުރި އެ ހިދުމަތުގެ އެހީގައި ތިމާ އަމިއްލައަށް ބޭނުންވާ ގޮތަކަށް މޯބައިލް ޑާޓާ، މިނެޓް އަދި އެސްއެމްއެސް އެކުލެވޭ މޯބައިލް ޕްލޭނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ދިރާގުން ބުނީ، ވަރަށް އަވަހަށް ކަސްޓަމަރުންނަށް އެ ހިދުމަތް ތައާރަފު ކުރެވޭނެ ކަމަށެވެ.

މި ޕްލޭނަރ ރަސްމީކޮށް އިފްތިތާހު ކުރުމުގެ ގޮތުން މަމެންގެ ފުރަތަމަ 100 ކަސްޓަމަރުންނަށް ވަނީ ހިލޭ ސިމް އަދި 10 ޖީބީގެ އިންޓަނެޓް ޕެކޭޖެއް ދީފައެވެ.

އޭގެ އިތުރުން އެ ފެސްޓިވަލްގައި ދިރާގުން ވަނީ އެ ކުންފުނިން މުޅިން އަލަށް ތައާރަފްކުރި މޯބައިލް ގޭމެއް ކަމުގައިވާ އާރްބީ ކުއެސްޓް ގޭމް ޑައުންލޯޑްކޮށް އެ ގޭމް ކުޅުނު ކަސްޓަމަރުންގެ މެދުގައި ނެގުނު ގުރުއަތުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދީފައެވެ.