31 Jul 2011, 12:21
މާލޭ ނާސަރީ ހިންގަމުން އަންނަ ބިން މާލޭ ސިޓީ ކައުންސިލުން ފޮރިން މިނިސްޓްރީގެ މައްޗަށް ރަޖިސްޓްރީކޮށްދީފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) މިއަދު ވިދާޅުވީ ސޯޝަން މަގުގައި ހުންނަ މާލޭ ނާސަރީ ފޮރިން މިނިސްޓްރީއަށް ދެއްވީ އިންޑިއާގެ އެންބަސީ އިމާރާތް ކުރުމަށް ބިމެއް ބޭނުންވެގެން އެމިނިސްޓްރީން އެދިވަޑައިގަތުމުން ކަމަށެވެ. އަދި މާލޭ ނާސަރީގައި ހިންގަމުން އަންނަ ނާސަރީގެ މަސައްކަތްތައް ހިންގަން ބޭނުންނަމަ ހުޅުމާލެއިން ނުވަތަ ވިލިމާލެއިން ބިމެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.
" ނުރަސްމީކޮށް އޮންނާނީ ނާސަރީ ހިންގަމުން އަންނަ ފަރާތުގައި ބުނެލާފަ ބޭނުމިއްޔާ ވިލިމާލެއިން ނުވަތަ ހުޅުމާލެ ބިން ކޮޅެއް ނާސަރީ ހިންގަން ދޭނެ ވާހަކަ،" އަލިބެ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ބިން ފޮރިން މިނިސްޓްރީއަށް ރަޖިސްޓަރީ ކޮށްދެއްވީ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށެވެ.
ނާސަރީ ހިންގުމާ ހަވާލުވެ ހުންނެވި ހާމިދު އިބްރާހިމް މިއަދު ވިދާޅުވީ ނާސަރީ ހުސްކުރުމަށް ސިޓީއެއް މިދިޔަ ހަފުތާގައި ފޮނުވާފައިވާ ކަމަށާއި އެއިދާރާގައި ހުރި އެއްޗެހިތައް ބަދަލުކުރާނެ އެހެން ތަނެއް ދައްކަން ވެސް މިހާރު ހުށަހަޅާފައިވާނެ ކަމަށެވެ. އެގްރިކަލްޗަރުގެ ބެލުމުގެ ދަށުގައި އޮންނަ ނާސަރީ ހުސްކުރަން އެންގީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" ބަދަލުގައި އެހެން ބިމެއް ދިނުމަށް ހަމަޖައްސާފައިވާ ކަމެއް އެނގިފައެއް ނެތް،" ހަމީދު ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓަރު އިރުޝާދާ އަބްދުއްސައްތާރު މިއަދު ވިދާޅުވީ ސަރުކާރުން އިންޑިއާގެ އެންބަސީ ހަދަން ދީފައިވާ އެ ބިމުގައި އެންބަސީ އިމާރާތް ކުރުމުގެ މަސައްކަތް ކުރާނީ އިންޑިޔާގެ ސަރުކާރުން ކަމަށެވެ.
އެ ބިން އިންޑިޔާގެ ހައިކޮމިޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.