07 Oct 2017, 15:53
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުސްތަގްބަލަށް ބިނާކޮށް ޕްލޭނެއް ރާވާފައި އޮތީ މިއަދުގެ ސަރުކާރުން އެކަނި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅު ވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޓީވީއެމުން ގެނެސްދޭ ސިޔާސަތު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އާދިލް ވިދާޅުވީ ކުރީގެ ސަރުކާރުތަކާ އަޅާ ބަލާއިރު މިއަދު ވެރިކަންކުރާ ޕީޕީއެމްގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ގެންގުޅެނީ މުސްތަގުބަލުގައި ވެސް އޭގެ ފައިދާ ކުރާނެ ގޮތަށް ކަމަށާއި އެކަމުގެ ލާބައާ މަންފާ މުޅި ދިވިހި ގައުމަށް ވެސް ކަމަށެވެ.
"މިހާރު ހުރި މައްސަލަތައް ވެސް ހައްލުކޮށް އަދި ފިއުޗާއަށް ވެސް ހަމައެކަނި ޕްލޭން ކޮށްފައި އޮތީ މި ސަރުކާރުން،"
"ސުނާމީގެ ފަހުން އަޅުގަނޑުމެންގެ ރަންވޭއަށް ގިނަ މައްސަލަތަކެއް ދިމާވޭ. އެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ހަމައެކަނި މަސަތްކަތްތަކެއް ކޮށްފައިވަނީ މިއަދުގެ ސަރުކާރުން،" އޭނާ ވިދާޅުވިއެވެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އެއް ރަންވޭ ބޭނުންކޮށްގެން 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދެމުންދާ އެއާޕޯޓެއްކަން ފާހަގަކޮށް އާދިލް ވިދާޅުވީ އެކަމުގެ ސަބަބުން ގިނަ ދަތިތަކަކާ ކުރިމަތިވެ މަރާމާތުތަކަށް ވެސް އުދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.
އާދިލް ވިދާޅުވީ ރަންވޭއެއް ބޭނުން ކުރަމުންދާތާ 10 އަހަރު ވުމުން މުޅި ރަންވޭ ރީސާފޭސް ކުރަން ޖެހޭ ކަމަށާއި ނަމަވެސް ވޭތުވެ ދިޔަ 20 ނުވަތަ 25 އަހަރު ތެރޭގައި އެފަދަ ކަމެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އެންމެ ފަހުން ރީސާފޭސް ކުރުމުގެ ބޮޑު މަޝްރޫއެއް ވެސް ހިންގާފައި ވަނީ މިދިޔަ އަހަރު މިއަދުގެ ސަރުކާރުން ކަމަށް އާދިލް ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ މިއަދުގެ ސަރުކާރުން އެއާޕޯޓް ތަރައްގީ ކުރުމަށް އަޅަމުންދާ އާ ރަންވޭ އާއި ޓާމިނަލް ނިމުމުން ބޮޑުތި ގިނަ ފަސޭހަތަކެއް ކުރިމަތިވާނެ ކަމަށާއި އިތުރު ފްލައިޓްތައް ވެސް ލިބިގެން ދާނެ ކަމަށެވެ.
"އާ ރަންވޭ އައީމަ އެ ރަންވޭއަށް ބޯޓް ޖައްސާފައި އެ ރަންވޭގެ އޮކިއުޕަންސީ ވަރަށް އަވަހަށް ލިބިގެން ދާނެ. އެއީ ފުރަތަމަ ރަންވޭއަށް ބޯޓް ޖައްސާފައި އެ ރަންވޭ ބޭނުން ކުރެވޭނީ ޓެކްސީވޭއަކަށް. އަދި އަލެއް އެޅި ރަންވޭ އިމީޑިއަޓްލީ އެވޭލަބަލް ވާނެ ދެވަނަ ބޯޓެއް ޖެއްސުމަށް،" އޭނާ ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ ރަންވޭއަކާއި ޓާމިނަލް އެއް އެޅުމުން ހަމައެކަނި ނިމުނީ ނޫން ކަމަށާއި އެކަމުގެ ސަބަބުން އިތުރުވާނެ ފްލައިޓުތަކަށް ހިދުމަތް ދެވޭނެ މަގު ވެސް މާސްޓާ ޕްލޭންގެ ތެރެއިން ފަހިވެގެން ދާނެ ކަމަށެވެ.
އާދިލް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ދިގު މުއްދަތަކަށް ކުއްޔައް ދިން ދިނުމަށް ފާޑި ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
"ޖީއެމްއާރުގެ ޕްލޭންއާ އެއްގޮތަށް ޓާމެނަލް އެޅި ނަމަ މިއަދު އެއާޕޯޓުގައި ދެވަނަ ރަންވޭ އެއް ނޭޅޭނެ. ދެވަނަ ރަންވޭއެއް ނޭޅިއްޖެ ނަމަ މި އެއާޕޯޓަކީ ކުރިއަށް އޮތް ތަނުގައި ބޭނުން ކުރެވޭނެ އެއާޕޯޓަކަށް ނުވެދާނެ،" އާދިލް ވިދާޅުވި އެވެ.