ހަރާރޭ (އޮކްޓޯބަރު 7): ޒިމްބާބުވޭގައި ބަޣާވާތެއް ކުރަން އުޅޭ ކަމަށް އެ ގައުމުގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ވިދާޅުވެއްޖެ އެވެ.

ގްރޭސް މުގާބޭ އެފަދައިން ވިދާޅުވީ އުމުރުން 93 އަހަރުގެ ރައީސް މުގާބޭ ވެރިކަމުން ފައިބައިވަޑައިގަތުމުން ވެރިކަމަށް އަންނާނެ މީހަކާ މެދު އެ ގައުމުގެ ވެރިކަން ކުރާ ޕާޓީ ޒަނޫ-ޕީއެފްގައި ދެބަސްވުންތައް އުފެދިފައި ވަނިކޮށެވެ. ޒިމްބާބުވޭގެ ވެރިކަމަށް ވާދަ ކުރާނެ ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައި ގްރޭސް އާއި ނައިބު ރައީސް އެމާސަން މަންގާގުވާ ހިމެނެ އެވެ.

"ވަކި މީހަކު ވެރިކަމަށް ނާންނަ ނަމަ އަޅުގަނޑުމެން މަރާލާނެ ކަމުގެ އިންޒާރު ރެއާ ދުވާލު އެބަ ލިބޭ. އަޅުގަނޑުމެން އެޕްރެޝަރަކަށް ބޯނުލަނބާނަން. އަދި އެ މީހުން ބަޣާވާތެއް ކުރާނެ ކަމަށް ބުނި ނަމަވެސް އެ ސަރުކާރެއް އެއްވެސް ބަޔަކު ބަލައިނުގަންނާނެ،" ވެރިރަށް ހަރާރޭގައި އޮތް ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ގްރޭސް މުގާބޭ ވިދާޅުވި އެވެ.

ގްރޭސް އެފަދައިން ވިދާޅުވީ ނައިބު ރައީސް މަންގާގުވާއަށް ޒަހަރު ދިން ކަމަށް އޭނާ ވިދާޅުވި ފަހުންނެވެ. މަންގާގުވާއަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ އޭނާއަށް ޒަހަރު ދިނީ ވެރިކަން ކުރާ ޕާޓީގެ ގްރޭސް މުގާބޭއަށް ތާއިދު ކުރާ ފަރާތްތަކުން ކަމަށް ބުނެފަ އެވެ.

ނަމަވެސް ގްރޭސްގެ އިތުރުން މަންގާގުވާ ވެސް ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އަދި އޭނާ ވަނީ ޒަނޫ-ޕީއެފް ޕާޓީއަށާއި ރައީސް މުގާބޭއަށް ފުރިހަމައަށް ތާއިދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)